ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެންމެ މުހިއްމު މުއައްސަސާ ކަމަށާއި އެ މަޖިލީސް ތަހުޒީބީ ވިސްނުމުގެ ތަނަކަށް ބަދަލުކޮށް، އެމްޑީޕީން ވެސް މިހާރު ގެންގުޅޭ ނާތަހުޒީބު ވިސްނުން ދޫކޮށްލުމަށް ފަހު މަޖިލީހަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ތަނަކަށް ހަދަން ޖެހޭ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމިން ވިދާޅު ވެއްޖެ އެވެ.

ދިޓީވީގެ ޚަބަރު ތެރެއިން ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޔާމިން ވިދާޅުވީ މަޖިލީސް މެމްބަރުންނަކީ ރާއްޖޭގެ ހުރިހާ ދާއިރާއެއްގެ ރައްޔިތުން ތަމްސީލު ކުރާ މަންދޫބުން ކަމަށްވާ އިރު އެ ދާއިރާތަކުގެ ރައްޔިތުން ވެސް މެމްބަރުންގެ އަރިހުގައި ދަންނަވައިގެން މަޖިލީހަކީ ފައިދާ ހުރި މަސައްކަތްތަކެއް ކުރާ ތަނަކަށް ހެދުމަށް ބާރު އެޅުމަށް ވެސް ޔާމީން ގޮވައިލެއްވި އެވެ.

"މަޖިލީހަކީ އެކި ދާއިރާތަކުން ރައްޔިތުން ހޮވާފައި ތިބި މަންދޫބުން. އެހެންވީމާ އެ ދާއިރާތަކުގެ ރައްޔިތުން ވެސް، އަދި އެހެން ޕާޓީތަކުގެ މެމްބަރުން ވެސް އެބަ ބުނަން ޖެހޭ މަޖިލީހުގެ މަސައްކަތްތައް އެކަށީގެން ގޮތުގައި ކުރުމަށް. އެހެން ނޫނީ ވާނެ ގޮތަކީ އެކަމުގެ ބަދުނާމް އަޅުގަނޑުމެން ހުރިހާ އެންމެން ބޮލުގައި އަޅަން މި ޖެހެނީ. އެހެންވީމާ އެމްޑީޕީ އިން އެބަޖެހޭ ލީޑާޝިޕްނަގައިގެން މަސައްކަތް ކުރަން. އެމްޑީޕީގެ އިސްބޭފުޅުން ވެސް، އަދި މެމްބަރުން ވެސް މިކަމަށް މަސައްކަތް ކުރަން އެބަ ޖެހޭ،" ޔާމިން ވިދާޅުވި އެވެ.

ޔާމިން ވިދާޅުވީ އެމްޑީޕީން މަޖިލީހުގެ ތެރޭގައި ގެންގުޅޭ ސިޔާސީ ވިސްނުމާއި ފިކުރުގެ އިތުރުން ނިންމުންތައް ވޯޓުން ނިންމަން ޖެހޭ ކަމަށާއި މަޖިލީހުގެ ކޮމެޓީތަކާއި ޖަލްސާތައް ހުއްޓުވާ ލުމަކީ އެއްވެސް ކަމެއްގެ ހައްލު ނޫން ކަމަށެވެ.

"މިދިޔަ ދައުރުގައި މަޖިލީހުގައި މަސައްކަތްތަކެއް ނުކުރެވޭ ވާހަކައެއް ނޫން. އެކަމަކު ކުރަން ޖެހޭ މަސައްކަތާ ބަލާއިރު އޭގެ 10 ޕަސެންޓް މަސައްކަތް ވެސް ނޯންނާނެ ކުރެވިފައެއް. ދެން އެއްބަޔަކު އަނެއް ބަޔަކު ބަދުނާމު ކުރުން އޮންނަނީ. އެހެންވީމާ މަޖިލީހުގެ ގަވާއިދަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ވެސް މަސައްކަތްތައް އެބަ ޖެހޭ ކުރިއަށް ގެންދަން،" ޔާމިން ވިދާޅުވި އެވެ.

މަޖިލިސް ކުރިއަށް ގެންދެވޭނެ ފަދަ އެކަށީގެންވާ މާހައުލެއް ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މަޖިލީހުގެ ޖަލްސާތައް މެދުކަނޑައިލެއްވީ ޖުލައި 31 ގަ އެވެ. އޭގެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބާއްވާފައި ވަނީ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނަށް ބާރު ދިނުމަށް މި މަހުގެ ހަ ވަނަ ދުވަހު އެވެ.

މަޖިލީހުގެ އިދާރާ އިން ބުނެފައި ވަނީ މަޖިލީހުގެ ޖަލްސާތައް ދެން ފެށޭނީ އަންނަ އޮކްޓޯބަރު މަހުގެ އެކެއްގައި ކަމަށެވެ.