26 Sep 2012, 22:48
އަވަހާރަ ވެފައި ވާ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ދަރިކަލުން ބިލާވަލް ބުއްޓޫ އާއި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ހިނާ ރައްބާނީގެ ލޯބީގެ ކުޅިގަނޑު ފަޅާ އަރައިފި ކަމަށް ބަންގާޅުގެ ނޫހެއް ކަމަށް ވާ "ވީކްލީ ބްލިޓްޒް"އިން ހާމަ ކޮށްފިއެވެ. މި ނޫހުން ހާމަ ކުރާ ގޮތުގައި ޚާރިޖީ ވަޒީރު ހިނާ ވަނީ ބިލާވަލް ބުއްޓޫއާ އެކު ލޯބީގެ ގޮތުން ގުޅިވަޑައިގެންފައެވެ. އެ ނޫހުން ބުނާ ގޮތުގައި އެ ނޫހަށް މި ކަން ކަށަވަރު ކޮށްދީފައި ވަނީ ހުޅަނގުގެ ޖާސޫސީ އިދާރާއަކުންނެވެ.
ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އާއި އަވަހާރަ ވެފައި ވާ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫއާ ދެ ބޭފުޅުންގެ ދަރިކަލުން ބިލާވަލް ބުއްޓޫ އާއި ހިނާ ރައްބާނީގެ ލޯބީގެ ގުޅުމުގެ މައްސަލަ ފެންމަތިވުމުގެ ސަބަބުން ހިނާ ރައްބާނީގެ ވަޒީރުކަން ގެއްލުން ވަރަށް ކައިރި ކަމަށް މުހައްލިލުން ދަނީ ވިދާޅުވަމުންނެވެ.
ޕާކިސްތާނުގެ ވެރިކަން ކުރަމުން ދާ ޕާޓީ ކަމުގައި ވާ ޕާކިސްތާނު ޕީޕަލްސް ޕާޓީގެ ޒުވާން ޗެއާމަން ބިލާވަލް ބުއްޓޫއާ އެކު ޚާރިޖީ ވަޒީރު ހިނާ ސިއްރު ގުޅުމެއް ބާއްވަމުން ދާ ކަމުގެ ޚަބަރުތައް ފެތުރިފައި ވުމުން ހިނާއަށް ވަނީ ވަރަށް ބޮޑު ގޮންޖެހުންތަކަކާ ކުރިމަތި ލާން ޖެހިފައެވެ.
ދާދި ފަހުން ވަނީ ޚާރިޖީ ވަޒީރުކަމުގެ މަގާމުން ހިނާ އިސްތިއުފާ ދެއްވާން އުޅުއްވާ ކަމުގެ އަޑުތައް ވެސް ފެތުރިފައެވެ. އަދި އެކަމަނާ އިސްތިއުފާ ނުދެއްވައި މަޑު ކޮށްލެއްވީ ރައީސް އާސިފް އަލީ ޒަރުދާރީގެ އެދިވަޑައިގަތުމަކަށް ކަމަށް ވެސް ޚަބަރު ލިބެއެވެ.
ހިނާ އާއި ބިލާވަލްގެ ލޯބީގެ ވާހަކަތައް އިންޓަނެޓާއި ޚަބަރު ފަތުރާ އެހެނިހެން ވަސީލަތްތަކުގައި ފެތުރެމުން ދިޔަ ނަމަވެސް މިކަމާ ބެހޭ ގޮތުން ދެ ފަރާތުގެ އާއިލާއިން ވެސް އަދި އެއްވެސް އެއްޗެކޭ ނުއެއް ބުނެއެވެ.
ބުދަ ދުވަހު މީޑިޔާގައި ފެތުރު ޚަބަރުތައް ބުނާ ގޮތުގައި ހިނާގެ މުއްސަނދި ފިރިމީހާ ފީރޯޒް ގުލްޒާރު ވަނީ ހިނާގެ ފޯނު ކޯލުތަކުގެ ތަފްސީލު ހޯދުމަށް ރަސްމީ ގޮތުން އެދިފައެވެ. ގުލްޒާރުގެ ބޭނުމަކީ ހިނާ އާއި ބިލާވަލުގެ ގުޅުމޭ ކިޔައިގެން ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހޯދުމެވެ.
ބައެއް ޓެބްލޮއިޑް ނޫސްތަކުން ސިފަ ކުރާ ގޮތުގައި ހިނާގެ ފިރިމީހާ ފީރޯޒް ގުލްޒާރާއި ރައީސް އާސިފް އަލީ ޒަރުދާރީއާ ގުޅިގެން ހިނާ އާއި ބިލާވަލްގެ ލޯބީގެ ގުޅުން ހުއްޓުވާން ކުރާ މަސައްކަތް ވެގެން ދާނީ ފިލްމީ މަސައްކަތަކަށެވެ.
ބިލާވަލަށް ވުރެ އުމުރުން 11 އަހަރު ދޮށީ އަދި ދެ ކުދީންގެ މަންމައެއް ކަމުގައި ވާ ހިނާ ރައްބާނީ ކަރްއާ ލޯބީގެ ގޮތުން ބިލާވަލް ގުޅުމަކީ ރައީސް އާސިފް އަލީ ޒަރުދާރީ ވަރަށް ބޮޑަށް ކަންބޮޑު ވެވަޑައިގަންނަވާ ކަމަކަށް ވަނީ ވެފައެވެ. ވިސްނައިވަޑައިގަތުމަކާ ނުލައި ބިލާވަލު މިފަދަ ކަމެއް ކުރެއްވުމުން ގެއްލުން ވާނީ ހަމައެކަނި ބިލާވަލުގެ ސިޔާސީ ހަޔާތަކަށް ނޫން ކަމަށާއި މީގެ ސަބަބުން ބިލާވަލުގެ މާފަ ޒުލްފިގާރު އަލީ ބުއްޓޫ އުފެއްދެވި ޕާކިސްތާނު ޕީޕަލްސް ޕާޓީގެ ކުރިމަގަށް ވެސް ހުރަސްތަކެއް އެޅޭނެ ކަމަށް ރައީސް ޒަރުދާރީ ގަބޫލުފުޅު ކުރައްވައެވެ. މަންމަ ބޭނަޒީރު ބުއްޓޫގެ ފަހުން ބުއްޓޫ އާއިލާއިން ސިޔާސީ ދާއިރާގައި އެންމެ ވިދުންގަދަ ތަރިޔަކަށް ވާނީ ބިލާވަލް ކަމަށް ކުރީން އެތައް ބަޔަކު ދިޔައީ ގަބޫލު ކުރަމުންނެވެ.
ޕާކިސްތާނުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ހިނާ މިހާރު ވަނީ ގުލްޒާރު ގާތުން ވަރިވެގެން ސުވިޒަލޭންޑަށް ގޮސް ބިލާވަލާ އެކު ދިރިއުޅުން ފައްޓާން ނިންމައިފައެވެ. ޕާކިސްތާނުގެ ނޫހަކުން ވަނީ ބިލާވަލަށް ހިނާ އަތުން ލިޔެފައި ފޮނުވި ސިޓީއެއް ވެސް ލީކު ކޮށްލައިފައެވެ. އެ ސިޓީގައި ހިނާ ލިޔެފައި ވާ ކަމަށް ނޫހުން ބުނަނީ "އަހަރެމެންގެ ގުޅުމަކީ އަބަދީ ގުޅުމެކެވެ. ވަރަށް އަވަހަށް އަހަރެމެން އެއްތަން ވެދާނެއެވެ." މިހެންނެވެ. އަދި ހިނާއާ ގުޅުން ކަނޑައިލުމަށް ރައީސް ޒަރުދާރީ ބިލާވަލަށް ނަސޭހަތް ދެއްވުމުން، ޕާޓީގެ ހުރިހާ ހަރަކާތަކުން ވަކިވާނެ ކަމުގެ އިންޒާރު ބިލާވަލު ދެއްވި ކަމަށް ވެސް އެ ނޫހުން ބުނެއެވެ.