މި ސީޒަނަށް ބޮޑު ހޭދައެއްކުރި އީގަލްސް މިއަދު ހަވީރު މާޒިޔާ އަތުން 2-0 އިން ބަލިވެ، ގަދަ ހަތަރަކަށް އެރުމުގެ އަމިއްލަ ބާރު ގެއްލިއްޖެ އެވެ.

އަށް ޓީމު ވާދަ ކުރާ ލީގުގެ ދެ ވަނާގައި އޮތް މާޒިޔާއިން އީގަލްސް ކޮޅަށް ފުރަތަމަ ލަނޑު ޖެހީ މެޗުގެ 13 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން އަސަދުﷲ އަބުދުﷲ އެވެ. ވަރަށް ފޫހި އަދި ލަސް ކުޅުމެއް ފެނުނު މެޗުގައި މާޒިޔާގެ ދެ ވަނަ ލަނޑު ޖެހީ 55 ވަނަ މިނިޓްގައި ބަދަލު ކުޅުންތެރިޔާ ބަހުޖަތު އަބުދުލްއަޒީޒެވެ.

މި މެޗުން ބަލިވިއިރު އީގަލްސް އަށް ލިބިފައިވަނީ 18 ޕޮއިންޓާއެކު ޓޭބަލުގެ ފަސް ވަނަ އެވެ. މިއީ ހަތަރު ވަނާގައި އޮތް ވީބީ އަށްވުރެ ހަތަރު ޕޮއިންޓް މަދު އަދަދެކެވެ. މި ދެ ޓީމުގެ މެޗު އަދި ކުރިއަށް އޮތް ނަމަވެސް މާދަމާ ހަވީރު އޭވައިއެލް އަތުން ވީބީ މޮޅުވެއްޖެނަމަ އީގަލްސްއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ފުޅާވާނެ އެވެ.

މިހެންވެ އީގަލްސްގެ ކޯޗު އިހުސާން އަބުދުލްގަނީ (ސާންތީ) ބުނީ އޭނާގެ ޓީމަށް "މިހާރު ދެން ގަދަ ހަތަރެއްގެ ފުރުސަތެއް ނެތް،" ކަމަށެވެ.

"އެހެންވީމަ އީގަލްސް ދެން ވިސްނާނީ އަންނަ މަހުގެ 18 ވަނަ ދުވަހު އޮންނަ އެފްއޭކަޕް ސެމީ ފައިނަލް މެޗަށް،" ސެމީ ފައިނަލްގައި އޭވައިއެލްއާ ވާދަކުރާ ޓީމުގެ ކޯޗު، ސާންތީ ބުންޏެވެ.

އޭނާ ބުނީ އީގަލްސްގެ ކުޅުންތެރިން މޮޅުވާން މަސައްކަތްކުރި ކަމަށާއި ނަމަވެސް "ގޯލެއް ޖެހިދާނެތީވެ، ތިބީ އޭރިއާ ތެރެއަށް ވެސް ވަދެނުލާ،" ކަމަށެވެ.

"ފައިގެ ޖެހިފަ ވެސް ގޯލަށް ބޯޅަ ވަދެދާނެތީވެ ތިބީ އޭރިއާތެރެއަށް ދުވެސް ނުލާ. އެހެން ނަމަވެސް ކުޅުންތެރިން މަސައްކަތްކުރި. ކޯޗެއްގެ ހައިސިއްޔަތުން މޮޅުވާން މަސައްކަތްކުރީ މިދިޔަ ތިން ދުވަހު ވެސް އަދި ހާފް ޓައިމްގައި ވެސް. އެކަމަކު މި މެޗުން ބަލިވުމުން ޓާގެޓެއް ހާސިލެއްނުވި ޔަގީނުން ވެސް. މި (ގަދަ ހަތަރެއްގެ) ޓާގެޓަކީ ކުޅުންތެރިން ދެއްކި ކުޅުމުން އައި އެއްޗެއް. މިދިޔަ އަހަރު ވެސް އީގަލްސް އޮތީ ފަސް ވަނާގައި،" ސާންތީ ބުންޏެވެ.

މާޒިޔާގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ބުނީ މޮޅުވިޔަސް ކުޅުމާމެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. އަދި މިއަދުގެ މެޗުގައި ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނުނު ކަމަށާއި ލީގުގެ އަމާޒަކީ ދެ ވަނާގައި ނިންމާލުން ކަމަށެވެ.