26 Sep 2012, 21:01
އަށް އަހަރަށް ފަހު ޔާޝް ޗޯޕްރާއާ އެކު "ޖަބް ތަކް ހޭ ޖާން" ގައި މަސައްކަތް ކުރަމުން ދާ އިރު، އެންމެ ހާއްސަ އެއް ކަމެއްގެ ގޮތުގައި ފާހަގަ ކުރެވިފައި ވަނީ ޝާހު ފެންނަލެއް ޒުވާން ކަމެވެ. މި ފިލްމަށް ޓަކައި ޝާހު ވަނީ އޭނާގެ ކަސްރަތު ކުރުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑު ބަދަލެއް ގެނެސްފައެވެ. މި ގޮތުން އޭނާ ވަނީ އިސްކިރީނުން ފެންނަ އިރު ޒުވާންކޮށް ފެންނާނޭ ފަދަ ބަދަލުތަކެއް އަންނާނެ ކަހަލަ ކަސްރަތުތަކަށް ސަމާލުކަން ދީފައެވެ.
އޯމް ޝާންތީ އޯމްގައި ވެސް ޝާހު ވަނީ ޒުވާންކޮށް ދެއްކުމަށް ޓަކައި ހާއްސަ ތަމްރީނުތަކެއް ހަދައިފައެވެ. ޝާހުރުޚް ޚާންގެ ޓްރެއިނަރ ޕްރަޝާންތު ސާވަންތުގެ މަސައްކަތުން އެ ފިލްމުގައި ޝާހުގެ ހަށިގަނޑު ދައްކައި ދީފައި ވަނީ ވަރަށް ކަސްރަތީ ހަށިގަނޑެއްގެ ވެރިއެއްގެ ގޮތުގައެވެ. ޔާޝް ޗޯޕްރާގެ ފިލްމު "ޖަބް ތަކް ހޭ ޖާން" އަށް ވެސް ޝާހު ތައްޔާރު ކޮށް ދިނުމުގެ މަސައްކަތް ކުރަމުން ދަނީ ޕްރަޝާންތު ސާވަންތެވެ.
ފިލްމުތަކުގައި ޝާހު އަދިވެސް ކުޅެމުން ދަނީ ޒުވާން ލޯބިވެރިއެއްގެ ބައި ކަމުން ޒުވާންކޮށް ފެންނާން ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ސަބަބާ ހުރެ ޝާހު ވަނީ ކަސްރަތަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައެވެ.