ކްރިމިނަލް ކޯޓުގެ އިސްޤާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގާ ދައުލަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރުމަށް ތައްޔާރު ވަމުން ދާތީ މިއަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް އެމްޑީޕީން ނިންމައިފި އެވެ.

ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލިސް އޮންނާނީ އަންނަ ހޯމަ ދުވަހު 4:00 ޖަހާއިރު ޖަސްޓިސް ބިލްޑިންގުގަ އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު މާލެ އިން ބޭރަށް ވަޑައިނުގެންނެވޭ ގޮތަށް ހަދާ އެ މަނިކުފާނާ މެދު ޝަރީއަތް ކުރުމަށް ތައްޔާރު ވަމުން ދާތި މިއަންނަ ހުކުރު ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރާ ގޮތަށް އެ ޕާޓީން ނިންމާ ފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނަނީ ހުކުރު ދުވަހު ހަވީރު ފަށާ މުޒާހަރާ މާލޭގައި ފަށާނީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގާ އުސްފަސްގަނޑުން ކަމަށެވެ. އަދި ރަށްރަށުގައި މުޒާހަރާތައް ފެށޭނީ އެ ރަށެއްގެ އެމްޑީޕީ ހަރުގެ އިން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ނަޝީދު ޝަރީއަތާ ދިމާކޮށް އެމްޑީޕީން މުޒާހަރާ އަށް ނިކުންނަ އިރު ކޯޓުތަކުގެ ކައިރިއަށް އެއްވެ މުޒާހަރާ ނުކުރުމަށް ފުލުހުންނާއި ޖުޑީޝަރީން ވަނީ މީގެ ކުރިން އެކި ފަހަރުމަތިން އިންޒާރުކޮށްފަ އެވެ.

އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރުކޮށް 22 ދުވަސް ވަންދެން ކ. ގިރިފުށީގައި ބެހެއްޓި މައްސަލައިގައި ނަޝީދުގެ އިތުރުން ދައުލަތުން ދައުވާކޮށްފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.