އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލާގައި ރައީސް މުހަންމަދު ނަޝީދުގެ މައްޗަށް ކުރާ ޝަރީއަތް ކުރިއަށް ގެންދަން ވަގުތު ކުޑަތަންވެފައި ވަނިކޮށް އެ ޝަރީއަތް ކުރިއަށް ގެންދަން ރާވާފައިވާ ގޮތާ މެދު އެމަނިކުފާނުގެ ގާނޫނީ ޓީމުން މިއަދު ސުވާލުތަކެއް ފެންމަތިކުރައްވައިފި އެވެ.

އަބްދުﷲ ގާޒީ ހައްޔަރުކޮށްގެން ގިރިފުށީގައި ބެހެއްޓި މައްސަލައިގައި ރައީސް ނަޝީދު ކޯޓަށް ހާޒިރުވުމަށް މިހާރު ޗިޓްފޮނުވާފައި ވަނީ އަންނަ ހޯމަ ދުވަހުގެ ހަވީރު 4:00 ޖަހާއިރަށެވެ.

ނަލަހިޔާ ހޮޓެލްގައި މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ވަކީލު ހިސާން ހުސެއިން ވިދާޅުވީ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ހ)ގައި ކޮންމެ މީހެއްގެ މައްސަަލަ ބެލެންވާނީ ގާނޫނާ އެއްގޮތަށް އުފައްދާފައިވާ ކޯޓަކުން ކަމަށް ބުނެފައި އޮތް ނަމަވެސް ހުޅުމާލޭ ކޯޓަކީ ގާނޫނާ ޚިލާފަށް އުފައްދާފައިވާ ކޯޓެއް ކަމަށެވެ.

ހިސާން ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އުފައްދާފައިވާ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ގާނޫނީ ސައްޚަ ކަމާ މެދު ސުވާލު އުފައްދާ އާންމު ފަރާތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނަޝީދުގެ މައްސަލަ ހުޅުމާލޭ ކޯޓަށް ހުށަހެޅި އިރުވެސް އެ ކޯޓުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފެދޭ މައްސަލަ އޮތީ ސުޕްރީމް ކޯޓަށް ހުށަހެޅިފައި ކަމަށެވެ.

"ޖުޑީޝަލް ސާވިސް ކޮމިޝަނުން ހުޅުމާލޭ މެޖިސްޓްރޭޓް ކިޔާ ކޯޓެއް އުފައްދަވާފައި އޮތީމައި އަޅުގަނޑުމެން މި ދަންނަވަނީ އެއީ ގާނޫނު އަސާސީ އާއި ގާނޫނުގެ މަފްހޫމާއި ޚިލާފަށް އުފައްދާފައި އޮތް ކޯޓެކޭ. ހަމަ އެއާ އެކު ސުޕްރީމް ކޯޓަށް ހުށަހެޅި މިހާރު ވެސް ސުޕްރީމް ކޯޓުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ ގާނޫނީ ސައްޚަކަމާ މެދު ސުވާލު އުފައްދާފައި ހުށަހަޅާފައި އޮތް މައްސަލައެއް ގެންދަވަނީ ބައްލަވަމުންނޭ." ހިސާން ވިދާޅުވި އެވެ.

ނަޝީދުގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ވަކީލު ހަސަން ލަތީފް ވިދާޅުވީ ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް ތިން މެޖިސްޓްރޭޓުންގެ މައްޗަށް އެކުލެވޭ ބެންޗެއް އެކުލަވާފައިވާ އިރު އެ މެޖިސްޓްރޭޓުންނަކީ ހުޅުމާލޭ ކޯޓުގެ މެޖިސްޓްރޭޓުން ނޫން ކަމަށާއި އެއީ ފަނޑިޔާރުންގެ ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

"އެ ޕެނަލް އެކުލަވާލާފައި ވަނީ ފަނޑިޔާރުންގެ ގާނޫނުގެ 67 ވަނަ މާއްދާގައި އެކަން ކުރުމަށް ކަނޑައަޅާފައިވާ އުސޫލާ މުޅިން ޚިލާފަށް. އަދި މި ޕެނެލް އެކުލަވާލެއްވުމުގައި ހުޅުމާލޭ ކޯޓުގައި ހިމެނިވަޑައިގަންނަވާ އެއްވެސް މެޖިސްޓްރޭޓެއް ނުހިމަނުއްވާ ޕެނަލް އެކުލަވާލައްވާފައި މި އޮންނަނީ،" ހަސަން ވިދާޅުވި އެވެ.

ނަޝީދުގެ މައްސަލަ ބައްލަވާ މެޖިސްޓްރޭޓުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ މެޖިސްޓްރޭޓުންގެ ތެރެއިން އެއް މެޖިސްޓްރޭޓެއްގެ ކޮރަޕްޝަންގެ މައްސަލަތަކަކާއި ބަދުއަޚުލާގީ މައްސަލައެއް ޖޭއެސްސީ އަށް ހުށަހެޅި މިހާރު ވެސް ބަލަމުންދާ ކަމަށާއި އެއީ ދައުވާ ލިބޭ ފަރާތްތަކުގެ ހައްގަށް އުނިކަން އަންނަ ގޮތަށް ކަންތައް ކުރުމުގެ ފުރުސަތު ހުޅުވިގެންދާ ކަމެއް ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ އެކަކަށް ވުރެ ގިނަ ފަނޑިޔާރުން ހިމެނޭ ބެންޗަކުން މިހާތަނަށް ވެސް ބަލާފައި ވަނީ ބޮޑެތި މައްސަލަތައް ކަމަށާއި ނަޝީދުގެ މައްޗަށް ދައުވާ ކުރާ މައްސަލައަކީ އޭގެ ޒާތަށް ބަލާއިރު އެހާ ބޮޑު މައްސަލައެއް ނޫންކަމަށެވެ. އެހެންކަމުން އެ މައްސަލަ ބެލުމަށް ތިން މެޖިސްޓްރޭޓުންގެ ބެންޗެއް އެކުލަވާލާފައި ވާތީ އެކަމާ ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ނަޝީދުގެ މައްޗަށް ކުރާ ދައުވާ އަކީ ގާނޫނާ ޚިލާފު ގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ.

ގާނޫނުލް އުގޫބާތުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން، ނުވަތަ 2،000ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށެވެ.