26 Sep 2012, 19:38
ރާއްޖެއަކީ ބަލަހައްޓަން ޖެހޭ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއް ކަމަށާއި ވަސީލަތްތައް ހުރި ގޮތުން ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން ރާއްޖޭގައި ނެތް ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެ އެވެ.
ބަނޑޮސް އައިލެންޑް ރިސޯޓްގައި މިއަދު އޮތް ސާކް ހޯމް، އިންޓީރިއާ މިނިސްޓަރުންގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވީ ރާއްޖެއަކީ ސަލާމަތީ ގޮތުން ވަރަށް ބޮޑު ސަރަހައްދެއް ހިމާޔަތްކުރަން ޖެހިފައިވާ ގައުމެއް ކަމަށާއި މިވަގުތު ވަސީލަތްތައް ހުރި ގޮތުން ރާއްޖެއަށް އެކަނި އެކަން ކުރުމުގެ ގާބިލުކަން ނެތް ކަމަށެވެ.
"... އަޅުގަނޑުމެންނަކީ ކުޑަ ގައުމެއް ކަމަށް ވިޔަސް، ރާއްޖެއަކީ ސަލާމަތީ ގޮތުން ވަރަށް ބޮޑު ސަރަހައްދެއް ހިމާޔަތްކުރަން ޖެހިފައިވާ ގައުމެއް، އެނގިވަޑައިގަންނަވާނެ ފަދައިން ރާއްޖޭގެ ޓެރިޓޯރިއަލް ވޯޓާ (ކަނޑުގެ ބޯޑަރު) ސަރަހައްދަކީ ނުދިޔޭގެ ނިސްބަތުން ވެސް ހަމަ ބޮޑު ސަރަހައްދެއް، އެހެންވީމާ އެގޮތަށް ބަލާއިރުގައި އަޅުގަނޑުމެންގެ ވަސީލަތްތައް ހުރި ގޮތުން އަޅުގަނޑުމެންނަށް އެކަނިމައި އެކަނި މިކަންތައްތަކެއް ކުރެވޭހާ ގާބިލުކަމެއް ނެތް،" ޑރ. ޖަމީލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަނޑުފޭރުމުގެ ކަންތައްތައް ހުއްޓުވުމާއި ސަލާމަތާއި ރައްކާތެރިކަން ބެލެހެއްްޓުމުގައި ސާކްގެ ގައުމުތަކުން ގުޅިގެން މަސައްކަތްކުރަން މިއަދުގެ ބައްދަލުވުމުގައި އެއްބަސްވެވިފައިވާ ކަމަށާއި އެއީ ރާއްޖެއަށް ސީދާ ގޮތުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ވިދާޅުވީ އެއީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ރާއްޖެ ފަދަ ގައުމެއްގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމުގައި އެހެން ގައުމުތަކުން ލިބޭ އެއްބާރުލުން ވަރަށް މުހިއްމުވާނެ ކަމަށެވެ.
ޖަމީލު ވިދާޅުވީ ރާއްްޖެއަކީ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމަކަށް ނުވިޔަސް ރާއްޖެއަކީ ޓެކްނޮލޮޖީގެ ހަމަލާތަކުން އެއްކިބާވެފައިވާ ގައުމެއް ނޫން ކަމަށާއި ސައިބަ ކްރައިމް ހުއްޓުވުމާ ބެހޭ ކަރުދާހެއް ރާއްޖޭން ހުށައެޅި ކަމަށެވެ. އަދި ވިދާޅުވީ އެކަރުދާސް ވެސް މިއަދުގެ ބައްދަލުވުގައި އެކުލަވާލި ރިޕޯޓްގައި ހިމަނާފައިވާ ކަމަށެވެ.
ސައިބަ ކްރައިމްއާ ބެހޭ ގޮތުން ރާއްޖޭން ހުށައެޅި ކަރުދާހަށް ބައްދަލުވުމުގައި ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ސައިބަ ކްރައިމް އާ ބެހޭ މާހިރުންގެ ކޮންފަރެންސެއް މިއަހަރު ތެރޭގައި ޕާކިސްތާނުގައި ބާއްވައި ދިނުމަށް އެގައުމުން އެއްބަސްވެފައިވާ ކަމަށްވެސް ހޯމް މިނިސްޓަ ވިދާޅުވި އެވެ.
ރާއްޖެއަކީ ކުޑަ ގައުމެއް ކަމަށް ވިޔަސް ޓެރަރިޒަމްގެ ހަމަލާތައް ވެސް ރާއްޖޭން ކޮންމެވެސް ވަރަކަށް ތަޖުރިބާކޮށްފައިވާ ކަމަށާއި މިސަރަހައްދުގެ އެހެން ގައުމުތަކަށް އަންނަ މައްސަލަތައް ރާއްޖެއަށް ވެސް އަންނަ ކަމަށް ވިދާޅުވި އެވެ.
"ރާއްޖެއަކީ ކުޑަ ގައުމަކަށް ވީ ނަމަވެސް ޓެރަރިޒަމްގެ ހަމަލާވެސް ކޮންމެވެސް ވަރަކަށް ތަޖުރިބާ ކޮށްފައި ރާއްޖެ އޮތީ، 2007 ގައި ވެސް އެފަދަ ތަޖުރިބާއެއް ރާއްޖެ ކުރިން، އެހެންވީމާ އެހެން ގައުމުތަކަށް އަންނަ މައްސަލަތައް ރާއްޖެއަށް ވެސް އެބައާދޭ، " ޖަމީލު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ރާއްޖެއަކީ ނިސްބަތުން ބަލާއިރު ގިނަ ޒުވާނުންތަކެއް ޑްރަގްގެ ވަބާގައި ޖެހިފައިވާ ގައުމެއްކަން ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ. ސަރަހައްދީ ޑްރަގް ޑެސްކެއް ސްރީލަންކާގައި ގާއިމްކޮށްފައިވާ ކަމަށާއި އިތުރަށް މައުލޫމާތު ލިބި، ރާއްޖެއަށް އަންނަ ޑްރަގްގެ ސަޕްލައި ހުއްޓުވިއްޖެ ނަމަ ބޮޑެތި ހައްލުތަކެއް ލިބިގެންދާނެ ކަމަށެވެ.
"މިނޫން އެހެން އެއްވެސް ގޮތަކަށް ރާއްޖޭގައި ހަގީގަތަށް ދަންނަވާކަމުގައި ވަންޏާ މާނަވީ ގޮތެއްގައި، އެކަށީގެންވާ ގޮތެއްގައި ހައްލެއް ލިބޭނެ ކަމަކަށް ނުފެނޭ، " ޖަމީލު ވިދާޅުވި އެވެ.
ސާކް ގައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުން އެފަދަ މައްސަލަތަކަށް ހައްލުލިބޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.