އެކި ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން މިދިޔަ މަހުގެ ނިޔަލަށް 400 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިފައި ނުވާ ކަން ހާމަވެއްޖެ އެވެ.

ޓެކްސްގެ މައިއިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތިރިޓީ (މީރާ) އިން ސަން އޮންލައިނާ ހިއްސާ ކުރި ހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ އެއްކެއްގެ ނިޔަލަށް ޓޫރިޒަމާއި ދަނޑުވެރިކަމުގެ ދާއިރާ އިން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން އެންމެ ގިނަ ފައިސާ ނުދައްކައި ހުރީ ޓޫރިޒަމް ސެކްޓަރުންނެވެ. ބިމު ކުލީގެ ގޮތުގަ އާއި އެ ފައިސާ ނުދައިކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި ޓޫރިޒަމްގެ ދާއިރާ އިން 24.5 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ޖެހެ އެވެ. އަދި ޓޫރިޒަމް ދާއިރާގެ ޓެކްސްތަކާއި އެ ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 2.4 މިލިއަން ރުފިޔާ ލިބެންޖެހެ އެވެ. އަދި ޓީ-ޖީއެސްޓީގެ ގޮތުގައި 2069 ޑޮލަރު ދައުލަތަށް ލިބެން ޖެހެ އެވެ.

އެ ފައިސާ ނުދައްކާ ފަރާތްތަކުގެ ތަފްސީލްތަކަށް ބަލާ އިރު ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާޒް އިން ހިންގާ ހއ. އަލިދޫ ރިސޯޓުން ކުއްޔާއި ޖޫރިމަނާ އަދި ޓެކްސްގެ ގޮތުގައި 3.8 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. ހަމަ އެ ކުންފުނިން ހިންގާ އދ. ކުޑަރަށް ރިސޯޓުން ވެސް 905،499 ޑޮލަރު ދައުލަތަށް ލިބެންޖެހެ އެވެ.

ރައްޔިތުން މަޖިލީހުގެ ބިލަތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަމްޒާގެ މަސްލަހަތު އޮންނަ ފިލިތެޔޮ އައިލެންޑް ރިސޯޓުން ވެސް ދައުލަތަށް 4.2 މިލިއަން ޑޮލަރު ލިބެންޖެހެ އެވެ. އަދި ނަސަންދުރާ އިން ކުއްޔާއި ސީއެސްއާރުގެ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ 348،054 ޑޮލަރު ވެސް ވަނީ ނުދައްކަ އެވެ. އަދިވެސް ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ ނުދައްކާ ރިސޯޓުތަކަކީ؛ މެދުފުށި ރިސޯޓުން 5.3 މިލިއަން ޑޮލަރާއި އެއްލައިދޫ ރިސޯޓުން 19274.16 ޑޮލަރާއި އެމްޓީޑީސީގެ އަމާރީ ރިސޯޓުން 375،664 ޑޮލަރާއި ކިހާދުއްފަރު ރިސޯޓުން 1.6 މިލިއަން ޑޮލަރާއި އެރިޔަދޫ ރިސޯޓުން 1261 ޑޮލަރާއި އަޔާޑާ ރިސޯޓުން 476،069 ޑޮލަރާއި ކިހަވަތްވިލާ ރިސޯޓް އިން 345،513 ޑޮލަރާއި ސިކްސެންސަސް ލާމުން ތިން މިލިއަން ޑޮލަރު އަދި ޒިތާލީ ރިސޯޓުން 1.3 މިލިއަން ޑޮލަރު ދައްކަންޖެހެ އެވެ.

މީރާގެ ރެކޯޑްތައް ދައްކާގޮތުން އެ ފައިސާ ނުދައްކައިގެން ޓޫރިޒަމް ދާއިރާގެ 11 ފަރާތެއްގެ މައްޗަށް ސިވިލްކޯޓުގައި އަންނަނީ ދައުވާ ވެސް ކުރަމުންނެވެ.

އެގްރިކަލްޗާ ނޫނީ ދަނޑުވެރިކަމާއި މަސްވެރިކަން ކުރުމަށް ފިޝަރީޒް މިނިސްޓްރީ މެދުވެރިވެގެން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ރަށްރަށުގެ ބިމު ކުއްޔާއި ޖޫރިމަނާގެ ފައިސާގެ ގޮތުގައި ސަރުކާރަށް 39.3 މިލިއަން ރުފިޔާ ލިބެންޖެހެ އެވެ. އަދި ފިޝަރީޒް މިނިސްޓްރީ މެދުވެރިވެގެން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިންބިމާއި ތަންތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 2.2 މިލިއަން ރުފިޔާ ދައްކަންޖެހެ އެވެ.

ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން މީރާއިން ކޯޓުތަކަށް ވައްދާފައިވާ މައްސަލައިގެ އަދަދު 40 އަރަ އެވެ. މީރާއިން އެންމެ ފަހުން އާންމު ކުރި މާލޭ ސަރަހައްދުން ޖީއެސްޓީ ނުދައްކައި މީހުންގެ ލިސްޓުގައި 222 މީހުން ހިމެނޭއިރު އޭގެ ތެރެއިން 51 ފަރާތަކީ ޓޫރިޒަމް ދާއިރާގެ ފަރާތްތަކެވެ. މީރާ އިން މިހާރު ވެސް އަންނަނީ ޗެކްބައުންސްވާ ފަރާތްތަކާ ދެކޮޅަށް ޖިނާއީ ދައުވާ ކުރުމަށް އެ މައްސަލަތައް ފުލުސް އޮފީހަށް ފޮނުވަމުންނެވެ. ޖީއެސްޓީ ނުދައްކާ މީހުންގެ އެކައުންޓްތައް އަންނަ މަހު އެކަކުން ފެށިގެން ފްރީޒް ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.