ދޯނި އަޑިއަށްދިޔަ ހާދިސާ: ގެއްލުނު ތިން މީހުން ހޯދަން ޑްރޯންއާއި ފްލައިޓް ބޭނުންކުރަން ފަށައިފި
ދޯނި އަޑިއަށްދިޔަ ހާދިސާ: ގެއްލުނު ތިން މީހުން ހޯދަން ޑްރޯންއާއި ފްލައިޓް ބޭނުންކުރަން ފަށައިފި

ލ. އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުން ގުޅިގެން އިތުރަށް ވަރުގަދަކޮށްފިއެވެ.

"ފްރެންޑް 4" ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ދިޔައީ ހިލަ އާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާ ހިނގިއިރު ދޯނީގައި އަށް މީހަކު ތިއްބެވެ. އޭގެ ތެރެއިން ހަތް މީހަކު މިހާރު ވަނީ ސަލާމަތް ކޮށްފައެވެ.

ނަމަވެސް، ދޯނި އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިގެން އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށް ދޯނި އަޑިއަށް ގޮސް، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކައްޕި ވަނީ ގެއްލިފައެވެ.

އެމްއެންޑީއެފްއިން ބުނީ ގެއްލުނު ތިން މީހުން ހޯދުމަށް މިހާރު ވަނީ ވައިގެ މަގުން ޔޫއޭވީ (ޑްރޯން) އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށާފައިކަމަށެވެ.

"ކަނޑުމަގުން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުންގެ އުޅަނދުފަހަރު ދަނީ ހޯދުމުގެ މަސައްކަތްކުރަމުން." އެމްއެންޑީއެފްއިން ބުންޏެވެ.

ދާދިފަހުން ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ދިޔަވެ ގާފަރު ކައިރިއަށް އަޑިއަށް ދިޔަހާދިސާގައި ވެސް އިންޑިއާ ދެ މީހަކު ވަނީ ގެއްލިފައިއެވެ. އެ ދެ މީހުން ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ފަހަކަށް އައިސް ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް އިތުރުވަމުންދާތީ، ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ވަސީލަތްތައް ހަމަކުރުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.