26 Sep 2012, 19:13
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ސެންޓައެންޓަ ޕްރައިސަސްއާ ހަވާލުކޮށްގެން ބަންނަމުން އަންނަ ޓަގު ބޯޓުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހާމަކޮށްފައިވާ ބައެއް މައުލޫމާތުތައް ދޮގު ކަމަށް ބުނެ އެ ކޮމިޝަން ގޮވައިގެން ކޯޓަށް ދާނެ ކަމަށް ސެންޓައެންޓަޕްރައިސަސް އިން ބުނެފި އެވެ.
ސެންޓަ އެންޓަޕްރައިސަސްގެ މެނޭޖިން ޑިރެކްޓާ އަބްދުﷲ އަރީފް ސޮއިކުރައްވައި މީޑިޔާތަކަށް މިއަދު ފޮނުވާފައިވާ ސިޓީއެއްގައި ބުނަނީ ޓަގް ބޯޓުގެ އަގަށްވާ 49 ޕަސެންޓް ފައިސާ އެމްޕީއެލްއިން ދެއްކި ނަމަވެސް ސެންޓާއެންޓަ ޕްރައިސަސްއިން ޓަގް ބަނުމުގެ މަސައްކަތް ކުރިއަށްނުގެންދާ ކަމަށްބުނެ އޭސީސީން ހާމަކުރި ވާހަކަތަކީ ދޮގެއް ކަމަށާއި އެ ކުންފުންޏަށް އެމްޕީއެލްއިން ދިނީ ޖުމްލަ އަގުގެ 28 ޕަސެންޓަށްވާ ފައިސާ ކަމަށެވެ. އަދި މަސައްކަތް ކުރިއަށް ނުދާ ކަމަށް އޭސީސީން ބުނެފައިވަނީ އެ ޓަގްގެ އެގްރިމަންޓްގެ ބޭރުން ކުރި މަސައްކަތަށް އެ ކުންފުނިން އެމްޕީއެލްއަށް ފޮނުވި 7.4 މިލިއަން ރުފިޔާގެ ބިލާ މެދު އިވެލުއޭޝަން ބޯޑުން ގޮތެއް ނިންމަންދެން މަސައްކަތް ހުއްޓާލާފައިވާ ދަޑިވަޅެއްގައި ކަމަށެވެ.
"އޭސީސީން 15 މެއި 2012 ގައި ނެރެ އާންމުކުރި މި ބަޔާނުގެ މަގުސަދަކީ ގަސްދުގައި ސެންޓާ އެންޓަޕްރައިސަސްގެ ވިޔަފާރިތަކަށް އަރައިގަނެ މަދަނީ ގެއްލުންތަކެއް ދިނުމެވެ. ޓަގްބޯޓުގެ ކޮންޓްރެކްޓްގެ ދަށުން 49 ޕަސެންޓް ފައިސާ ދޫކުރެވިފައިވާކަމަށް ބުނެފައިވާއިރު، އެމްޕީއެލްގެ ފަރާތުން 18 ޖެނުއަރީ 2012 އާއި 15 މެއި 2012 ގައި 28 ޕަސެންޓް ފައިސާ ދޫކުރި ކަމަށް އަންގާފައިވުމާއި އަދި ސެންޓައެންޓަޕްރައިސްގެ މަސްލަހަތު އޮތް ކޮންޓްރެކްޓެއްގެ މައްޗަށް ހިންގިކަމަށް ބުނާ ތަހުގީގަށް އެ ކުންފުނީގެ ބަހެއްވެސް ބަޔާނެއްވެސް ހޯދާފައިނުވުމުން އެއީ ފެންވަރެއް ނެތް ތަހުގީގެއްކަން އެނގެ އެވެ،" ސިޓީގައިވެ އެވެ.
އެ ކުންފުނިން އަދި ބުނެފައިވަނީ އެބާވަތުގެ ތަހުގީގަކާއި ގުޅޭ ގޮތުން ދޮގުވާހަކަތަކެއް އޭސީސީން މީޑިޔާގައި ފެތުރުމުން އެ ކުންފުންޏަށް އެވައްތަރުގެ ތިން ކޮންޓްރެކްޓް މިހާރުވެސް ގެއްލިފައިވާ ކަމަށާއި އޭސީސީގެ ވާހަކަތަކުގެ ސަބަބުން އެ ކުންފުންޏަށް މަދަނީ ބޮޑެތި ގެއްލުންތަކެއް މިހާރުވެސް ލިބިފައިވާ ކަމަށެވެ. އަދި ގެއްލުނު ތިން ކޮންޓްރެކްޓުން އެ ކުންފުންޏަށް 57.9 މިލިއަން ރުފިޔާގެ ފައިދާއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
"އޭސީސީ އާއި ދެކޮޅަށް އަބުރުގެ ދައުވާ އާއި ލިބިފައިވާ މާލީ ގެއްލުންތަކުގެ ދައުވާ ދިވެހިރާއްޖޭގެ ސިވިލްކޯޓުގައި ހިންގޭނެ އެވެ،" ސިޓީގައިވެ އެވެ.
އޭސީސީން 19މޭ 2012 ގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ؛ "މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ޑަގް ބޯޓެއް ބަނުމަށް 18 ނޮވެމްބަރު 2008 ގައި ސެންޓާ އެންޓަޕްރައިސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރަމުންދާ މަސައްކަތާއި ގުޅިގެން މި ކޮމިޝަނަށް ހުށަހެޅުނު މައްސަލަ މި ކޮމިޝަންގެ ފަރާތުން ތަހުގީގު ކުރުމުގައި ޓަގު ބޯޓު ބަދެ އެމްޕީއެލްއާ ހަވާލުކުރުމުގައި ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް ކުރިއަށް ނުދާކަން ވަނީ ފާހަގަކުރެވިފަ އެވެ. މި މަސައްކަތް އެއްބަސްވެފައިވާ އަގުގެ 49 ޕަސެންޓް މިހާތަނަށް ދޫކުރެވިފައި ވީނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިޔަށް ނުދާކަންވެސް ވަނީ ފާހަގަކުރެވިފަ އެވެ. އެހެން ކަމުން އެމްޕީއެލްގެ ބޭނުމަށް ބަންނަމުންދާ ޓަގް ބޯޓުގެ މަސައްކަތް މުޅިން ނިމި، އެބޯޓް އެމްޕީއެލްއާ ހަވާލުކުރުމުގެ ކުރިން އެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތަށް އިތުރު ފައިސާއެއް ދޫނުކުރުމަށް 17 ޖެނުއަރީ 2012 ގައި މޯލްޑިވްސް ޕޯޓްސް ލިމެޓެޑުން އަންގާފަ އެވެ."
ސެންޓާއެންޓަޕްރައިސަސް އިން އޭސީސީއާ މެދު ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން އެ ކޮމިޝަންގެ މެންބަރުންނަށް ފޯނުން ގުޅުމުން ޖަވާބުނުދެއްވާތީ އެ ކޮމިޝަންގެ ބަހެއް ލިބޭގޮތެއްނުވި އެވެ.