26 Sep 2012, 18:45
ކޮމަންވެލްތުގެ މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް)ގެ އެޖެންޑާއިން ރާއްޖެ ނެގުމުގައި ޝަރުތުތަކެއް ކުރަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި ވަކި ކަންތައްތަކެއް ކުރަން ރާއްޖެ އަށް އަންގަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ނައިބު ރައީސް މުހައްމަދު ވަހީދުއްދީން ވިދާޅުވެއްޖެ އެވެ.
ބަނޑޮސް އައިލެންޑް ރިޒޯޓްގައި ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރާ އެކު ބޭއްވެވި މަޝްވަރާތަކަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވަހީދުއްދީން ވިދާޅުވީ އެވެނި ކަމެއް، މިވެނިކަމެއް ކުރާށޭ ސީމެގުން ރާއްޖެއަށް އަންގަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"ޝަރުތުތަކަކާ އެކު ސީމެގް އެޖެންޑާއިން ރާއްޖެ ނަގާ ނަމަ އެކަން ސަރުކާރުން ގަބޫލުކުރާނަންތޯ" ނޫސްވެރިއަކު ދެންނެވުމުން ނައިބު ރައީސް ވަހީދުއްދީން ވިދާޅުވީ "ކަލޭމެން މިކަން ކުރަން ޖެހޭނެ، ކަލޭމެން އެކަން ކުރަން ޖެހޭނޭ، ސީމެގުން އަޅުގަނޑުމެން ކައިރި ބުނަން ޖެހޭ ސަބަބެއް ނެތް" ކަމަށެވެ. އަދި ވިދާޅުވީ؛ "އަޅުގަނޑުމެންގެ ގާނޫނު އަސާސީއެއް އެބައޮތް، އަޅުގަނޑުމެންގެ ގާނޫނު އަސާސީ ވަރަށް ސާފު، އަޅުގަނޑުމެންގެ ގާނޫނު އަސާސީގެ ސަބަބުން އަޅުގަނޑުމެންނަށް ( ގައުމުތަކުން ) ތައުރީފު ކުރޭ، އެހީ އެ ގާނޫނު އަސާސީއަކީ ވަރަށް ޑިމޮކްރެޓިކް ގާނޫނު އަސާސީއަކަށް ވާތީ، ދުނިޔޭގެ ލީޑަރުން އަޅުގަނޑުމެންނަށް ތައުރީފު ކުރޭ، ދެން ކިހިނެތްތޯ އެމީހުން އައިސް މިއަދު އަޅުގަނޑު މެން ގާތު ބުނާނީ ކަލޭމެން އެވެނި ކަމެއް ކުރަން ޖެހޭ،" ކަމަށެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމާއި ފުލުހުންގެ ހިދުމަތް އިސްލާހުކުރަން ޖެހޭކަން ސަރުކާރަށްވެސް އެނގޭ ކަމަށާއި އެކަން މިހާރުވެސް ދަނީ ކުރަމުން ކަމަށް ވަހީދުއްދީން ވިދާޅުވި އެވެ.
އަދި ވިދާޅުވީ ކޮންމެ ގައުމެއްގައި ވެސް މައްސަލަތައް ހުންނާނެ ކަމަށާއި ޑިމޮކްރަސީ އަކީ އެންމެ ދުވަހަކުން ގެނެވޭ އެއްޗެއް ނޫން ކަން ވެސް ގަބޫލުކުރަންޖެހޭ ކަމަށެވެ. ރާއްޖޭގެ ހިއުމަންރައިޓްސް ކޮމިޝަން ވެސް އެވަނީ އިސްލާހު ކުރެވިފައި ކަމަށާއި އެކޮމިޝަނުންވެސް މިހާރު މަސައްކަތް ކުރަމުން ދަނީ އެންމެ ރަނގަޅަށްކަން ވަހީދުއްދީން ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން މިތިބީ ރަނގަޅު މަގުގައި ހެން،" ވާހަކަފުޅު ނިންމަވާލައްވަމުން ނައިބުރައީސް ވަހީދުއްދީން ވިދާޅުވި އެވެ.