ރާއްޖޭގެ ރައްޔިތުންނަށް ހެޔޮއަގެއްގައި ހައްޖަށް ދެވޭނެ ނިޒާމެއް ގާއިމު ކުރުމުގެ ގޮތުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މިނިސްޓްރީ އިން އިސްނަގައިގެން މަޝްވަރާ ކުރަމަށް ބޭއްވި އެ ބައްދަލުވުމަކީ މެލޭޝިއާގެ ހާޖީންގެ މަޝްވަރާގެ މަތިން މެލޭޝިއާގައި އެކަން ކުރަމުންދާ އުސާލާ އެއްގޮތަށް ދިވެހި ރައްޔިތުނަށް ވެސް ހައްޖަށް ދިއުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ނިޒާމެއް އުފެއްދުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

"މިކަމަށް މެލޭޝިޔާގެ "ތަބުންހާޖީ"ގެ ފަންނީ އެހީތެރިކަން ދެއްވާނެ ކަމަށް އެ ފަރާތުން ވިދާޅުވި އެވެ." އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.

އަދި ބުނީ އެ ބައްދަލުވުމުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ފަރާތްތަކުން ވެސް ބައިވެރިވި ކަމަށެވެ.

އިސްލާމިކް މިނިސްޓްރީ އިން މިހާރު މަސައްކަތް ކުރަނީ ރާއްޖޭގެ ރަސްމީ ކޯޓާ އަކީ 2000 ކަމުގައި ހަމަޖައްސަން ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުންޏެވެ.