ކަންނެއްޔަށް ނުކުމެ އުޅުނު ށ. ކޮމަންޑޫގެ ދޯންޏަކުން 9.5 ކިލޯގެ މާވަރަހަރެއް ރ. އަތޮޅު މަޑުއްވަރީއާ ދިމާ 17 މޭލު ބޭރުން ހޮވައިފި އެވެ.

"ގޮދާ 2" ނަމަކަށް ކިޔާ އެ ދޯނީގެ ކޮޔޮޅު އަބްދުއްސަމަދު އަލީ މިއަދު ބުނީ އެ މީހުންނަށް އެ މާވަހަރު ފެނުނީ މިދިޔަ ބުރާސްފަތި ދުވަހު ކަންނެއްޔަށް ނުކުމެ އުޅެނިކޮށް ކަމަށާއި އެވަގުތު އެ ދޯނީގައި 10 މީހުން ތިބި ކަމަށެވެ. އަދި މިހާރު އެ މާވަހަރު އޮތީ ކޮމަންޑޫގައި ކަމަށާއި ރަށުގެ ގިނަ ބަޔަކު ބުނާ ގޮތުން ނަމަ އެއީ މާވަހަރުގެ ވައްތަރެއް ކަމަށްވާ ހުދަންބަރު މާވަހަރެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"އަޅުގަނޑު ހުރީ ދޯނީގެ ކޮޔޮޅަކަށް ވެސް އެވަގުތު. އަޅުގަނޑަށް މާވަހަރެއް ކަމަށް ބެލެވިގެން އަނބުރާލާފައި ގޮސް ނެގީ. ގާތްގަނޑަަކަށް ނުވަ ކިލޯ ބައި ހުރި. ހުދުކޮށް އޮތް އެއެއްޗަކީ ހުދަން ބަރެއް ކަމަށް ރަށު މީހުން ކިޔަނީ. އަންނަ ހަފްތާގައި]މާލެ[ ދާނަން އެކަން ޔަގީން ކުރަން،" ސަމަދު ބުންޏެެވެ.

ދޯނީގެ ކެޔޮޅު ބުނި ގޮތުގައި އަންނަ ހަފްތާގައި މާލޭ އައިސް އެއީ މާވަހަރެއް ކަން ޔަގީން ކުރުމަށް ފަހު މާވަރެއް ކަމުގައިވާ ނަމަ އޭތި ވިއްކާލުމުގެ މަސައްކަތް ފަށާނެ އެވެ. އަދި މާވަހަރު ބަހާނީ ތިން ބައި ކުޅަ އެއް ބައި ދޯންޏަށް ނެގުމަށް ފަހު އަނެއް ދެ ބައި ދޯނީގައި ތިބި މީހުންނަށް ހަމަހަމަ އަށް ކަމަށް ވެސް އޭނާ ބުންޏެވެ.

ރާއްޖޭގެ އެކިއެކި ސަރަހައްދުން މި އަހަރު ގިނަ އަދަދަކަށް މާވަހަރު ކަމަށް ބެލެވޭ އެއްޗެހިތަކެއް ހޮވާފައިވާއިރު އޭގެތެރެއިން ބައެއް ތަކެތި ތަހުލީލު ކުރުމުން އެއީ ޖަނަވާރުގެ ސަރުބީ ކަމަށް ތަހުލީލު ރިޕޯޓުތަކުން ވަނީ ދައްކައިފަ އެެވެ. މި މަހުގެ ކުރީކޮޅު ތުޅާގިރި ރިސޯޓު ކައިރިން ވެސް "ކިންގް ފިޝާ" ނަމަކަށް ކިޔާ ދޯންޏަކުން ވަނީ 13.5 ކިލޯގެ މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފަ އެވެ.