26 Sep 2012, 17:25
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރެއްވި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް އަންނަ ހޯމަ ދުވަހަށް ޝެޑިއުލްކޮށްފި އެވެ.
ޝަރުއީ ދާއިރާގެ އޮފިޝަލަކު މިއަދު ސަން އޮންލައިނަށް ކަށަވަރު ކޮށްދެއްވި ގޮތުގައި އެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އެ ދުވަހަށް ޝެޑިއުލްކޮށް މިހާރު ވަނީ ކަމާ ބެހޭ ފަރާތްކަށް ނޯނިސް ފޮނުވައިފަ އެވެ.
ނަޝީދު ގާނޫނު އަސާސީއާ ހިލާފުވި ކަމަށް ތުހުމަތު ކުރާ މައްސަލަ ކޯޓުގައި ލޮޖު ކުރުމާ އެކު ހުޅުމާލޭ ކޯޓުގެ ހުއްދަނެތި މާލެ އިން ބޭރަށް ވަޑައިގަތުން ކޯޓުން ވަނީ ނަޝީދުގެ މައްޗަށް މަނާކޮށްފަ އެވެ.
ޖުޑީޝަރީގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް މިއަދު ވިދާޅުވީ ރައީސް ނަޝީދުގެ އިތުރުން އެ މައްސަލައިގައި ދައުވާ ލިބޭ ހުރިހާ ބޭފުޅުންނަށް ވެސް މާލެއިން ބޭރަށް ވަޑައިގަތުން ހުޅުމާލޭ ކޯޓުން މަނާކޮށްފައިވާ ކަމަށެވެ. އަދި އެ އެންގުން އަންގާފައި ވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލު ކުރާ ގަވާއިދުގެ 23 ވަނަ މާއްދާ އާއި 24 ވަނަ މާއްދާގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ ކުރާ ހުރިހާ ފަރާތްތަކަށް ވެސް އިއްޔެ ހުޅުމާލޭ ކޯޓުން އަންގާފައި ވަނީ، ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ 23 ވަނަ މާއްދާ އާއި 24 ވަނަ މާއްދާގެ ދަށުން ހުޅުމާލޭ ކޯޓުގެ ހުއްދަ ނެތި ރާއްޖެ އިން ބޭރަށް ފުރައިގެން ނުދެވޭނެ ކަމަށް،" ލަތީފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުން ދައުވާ ކުރާ އެ މައްސަލަ ހުޅުމާލޭ ކޯޓަށް ބަލައިގެންފައިވާ ކަމާއި އަދި ގާނޫނީ ވަކީލަކު އައްޔަން ކުރުމަށް ފަހު މައްސަލައާ ގުޅޭ ލިޔުންތައް ނެގުމަށް އެ މައްސަލައިގައި ދައުވާ ލިބޭ ހުރިހާ ފަރާތްތަކަށް ވެސް އަންގާފައިވާ ކަމަށެވެ.
"އެ މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާކަން ވަނީ ދައުވާ ލިބޭ ހުރިހާ ފަރާތްތަކަށް ވެސް އަންގާފަ. އަދި ގާނޫނީ ވަކީލަކު އައްޔަން ކުރުމަށް ވެސް ވަނީ ފުރުސަތު ދީފައި. އަދި މައްސަލައާ ގުޅޭ ލިޔުންތަކަށް އެދުމުން ހުޅުމާލޭ ކޯޓުން ލިޔުންތައް ދޫކުރާނެ ކަމަށް ދައުވާ ލިބޭ ހުރިހާ ފަރާތްތަކަށް ވެސް ވަނީ އަންގާފައި،" ލަތީފާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ގާނޫނާ ޚިލާފަށް ހައްޔަރުކޮށް 22 ދުވަސް ވަންދެން ކ. ގިރިފުށީގައި ބެހެއްޓި މައްސަލައިގައި ނަޝީދުގެ އިތުރުން ދައުލަތުން ދައުވާކޮށްފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުރާ ދައުވާ އަކީ ގާނޫނާ ޚިލާފު ގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ.
ގާނޫނުލް އުގޫބާތުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން، ނުވަތަ 2،000ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށެވެ.
ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ 23 ވަނަ މާއްދާގައި ބުނަނީ ކޯޓަށް މައްސަލައެއް ހުށަހެޅިފައި ވަނިކޮށް ދައުވާ ކުރާ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތް ކޯޓުގެ ހުއްދަނެތި ފުރައިގެން ގޮސްގެން ނުވާނެ ކަމަށެވެ. އަދި އެ ގާނޫނުގެ 24 ވަނަ މާއްދާގައި ބުނަނީ ކޯޓަށް މައްސަލައެއް ހުށަހެޅިފައި ވަނިކޮށް ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ފުރޭނީ ކޯޓުން އެކަމަށް ހުއްދަ ދިނުމުން ކަމަށެވެ.