26 Sep 2012, 15:31
އިބްރާހިމް ނާސިރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގަން ޖީއެމްއާރު ކުންފުންޏާ ހަވާލުކޮށްފައި އޮތުމާ ދެކޮޅަށް ސަރުކާރު ހިންގަން ތިބި ޕާޓީތަކުން މުޒާހަރާ ކުރަން ނިކުތުމަކީ "ހަމަޖެހޭ ކަމެއް ނޫން،"ކަމަށް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާ، ޑީއާރުޕީގެ ލީޑަރު އަހްމަދު ތަސްމީނު އަލީ ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، ތަސްމީން މިއަދު ވިދާޅުވީ ޖީއެމްއާރުގެ މައްސަލާގައި ސަރުކާރުގައި ހިމެނޭ ޕާޓީތަކުން މުޒާހަރާ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާއި ކުރަން ޖެހޭ ކަމަކީ އެ މައްސަލަ އަށް ގޮތެއް ނިންމުން ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން އެންމެން މިތިބީ ސަރުކާރުގެ ތެރޭގައި. [ޖީއެމްއާރާ އެއާޕޯޓު ހަވާލުކޮށްފައި ބޭއްވުމާ ގުޅޭ ގޮތުން] ސަރުކާރުން ދެން ގޮތެއް ނިންމަންވީ. ދެން އަޅުގަނޑުމެން ކީއްކުރަންތޯ މުޒާހަރާކުރާކޮށް، އެ މުޒާހަރާ ބަލަހައްޓަން އެތައް ބައިވަރު ފުލުހުން ނެރި އަދި މުޒާހަރާ ތެރެއިން ދިމާވާ ކަމަކުން ކުރިމަތިލުންތައް ތައް ހިނގާނެ. ކީއްކުރަންތޯ އެކަން އަޅުގަނޑުމެން،"
ޖީއެމްއާރާ ދެކޮޅަށް ކުރާ މުޒަހަރާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ޕާޓީގެ ބޭފުޅުން ވެސް ބައިވެރިވާކަން ފާހަގަ ކުރައްވަމުން ތަސްމީނު ވިދާޅުވީ އެކަމުގައި މުޒާހަރާއެއް ނުކުރިއަސް ރައީސް ގޮތެއް ނިންމެވީމާ އެކަން ހަމަ ޖެހޭނެ ކަމަށެވެ.
އަދި ވިދާޅުވީ މުޒާހަރާތަކަށް ފުލުހުން ނެރި އިތުރު ހަރަދުތަކެއް ހިންގުމަށް ވުރެ އެ މައްސަލައިގައި ރައީސް ގޮތެއް ނިންމެވީމާ ފަސޭހަވާނެ ކަމަށެވެ.
"އޭގެ ތެރޭގައި [މުޒަހާރާ ކުރާ މީހުންގެ ތެރޭގައި] ރައީސް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުން ވެސް އެބަ ތިއްބެވި. ދެން އަޅުގަނޑަށް ނުފެނޭ މީގައި މުޒާހަރާއެއް ކުރަންޖެހޭ ސަބަބެއް. މިކަން އެންމެން ނިންމާލީމާ އެންމެނަށް ވެސް ލުއިވާނެ. މުޒާހަރާއެއް ކުރަންޏާ ގައިމު ހަރަދުތައް ވެސް ކުރާނެ. ފުލުހުން އެތަން ބަލަހައްޓަން ވެސް ހަރަދުކުރާނެ. އެހެންވީމާ މި ހުރިހާ ކަމެއް ދޫކޮށްލާފައި [ރައީސް] ގޮތެއް ނިންމަވަންވީ ނޫންތޯ،" ތަސްމީނު ވިދާޅުވި އެވެ.
ތަސްމީނު ވިދާޅުވީ ޖީއެމްއާރު މައްސަލާގައި ސަރުކާރުން ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް އެ ޕާޓީން ސަރުކާރާ ވަކިވެގެންނުދާނެ ކަމަށެވެ.
"އަޅުގަނޑު މި ދަންނަވަނީ ވަރަށް ސާފުކޮށް ސަރުކާރުން ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް އަޅުގަނޑު ގަބޫލެއް ނުކުރަމޭ ސަރުކާރުން ވަކިވެގެން ޑީއާރުޕީ ދާނެ ކަމަކަށް. ހުރިހާ ކަމަށް ރިއާޔަތްކުރައްވާފައި ސަރުކާރުން ގޮތެއް ނިންމަވީ. އަތުލަންޏާ އަތުލަންވީ ނާތުލަންޏާ ކޯޓަށް ވަޑައިގަންނަވަންވީ. ނޫނީ ދެން ހައްދަވަންވީ ގޮތެއް ހައްދަވަންވީ. އަޅުގަނޑުމެން ޕަބްލިކަށް ނިކުމެ އަޑު އުފުލަން ޖެހޭނެ ކަމަށް އަޅުގަނޑު ނުދެކެން،"
ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަށް އިއްތިހާދުގެ ހަތް ޕާޓީން މާދަމާ ރޭ އާޓިފިޝަލް ބީޗަށް މުޒާހަރާ ކުރުމަށް ވަނީ ނިންމައިފަ އެވެ.