އިތުރު މީހަކާ އެކު އައްޑޫ ސިޓީ އަށް މަސްތުވާތަކެތި ގެންދިޔުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ސ. ހިތަދޫ އަލީބޮޚާރީގޭ އަހުމަދު ސުޖާއުގެ މައްޗަށް ދައުލަތުން ކުރި ކެނަބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.

އޭނާގެ މައްޗަށް ކުށް ސާބިތު ނުވި ނަމަވެސް މާޗް މަހުގެ 21 ވަނަ ދުވަހު އައްޑޫ ސިޓީއަށް މަސްތުވާތަކެތި ގެންދިޔުމުގެ ކުށުގައި ލ. އިސްދޫ، ކަނީރުމާގޭ، އަހުމަދު ހަނީފު 23، އުމުރަށް ލުމަށާއި އަދި އޭނާ 100،000ރ. އިން ޖޫރިމަނާ ކުރުމަށް މިދިޔަ މަހުގެ ކުރީކޮޅު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނަނީ މާޗް 21 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ހަނީފާ އެކު އައްޑޫއަށް މަސްތުވާތަކެތި ގެންދިޔުމުގައި ސުޖާއު ބައިވެރިވެފައިވާކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ކުރެވޭވަރުގެ ހެއްކާއި ގަރީނާ ލިބިފައި ނުވާ ކަމަށެވެ.

".... ލ. އިސްދޫ ކަނީރުމާގޭ އަހުމަދު ހަނީފާ އެކު އައްޑޫ ސިޓީއަށް މަސްތުވާތަކެތި ގެންދިޔުމުގައި އަހުމަދު ސުޖާއު ބައިވެރިވެފައިވާކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ލިބިފައި ނުވާތީ، އަހުމަދު ސުޖާއުގެ މައްޗަށް ދައުލަތުން ކުޅަ ކެނަބިސް ޓްރެފިކް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުނުވާކަމަށް ހުކުމް ކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައިވެ އެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުނުވި އިރު ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީގައި ހުޅުޖެހި މައްސަލައާ ގުޅިގެން ދައުލަތުން ވަނީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.