ޑިޕެންސް މިނިސްޓަރު މުހައްމަދު ނާޒިމު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރައްވާފައިވާ އަބުރުގެ ދައުވާއަކާ ގުޅިގެން ރައީސް ނަޝީދު ކޯޓަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފި އެވެ.

ސިވިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ ނާޒިމް އެ މައްސަލަ ކޯޓަށް ހުށަހަޅުއްވާފައި ވަނީ މިދިޔަ މަހުގެ ކުރީ ކޮޅު ކަމަށާއި އެ މައްސަަލައިގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމެއް ބޭއްވުމަށް އަންނަ މަހުގެ ދެ ވަނަ ދުވަހަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ހުށަހެޅިފައި ވަނީ އަނބުރުގެ ދައުވާއެއް ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މިއީ މި މައްސަލައިގެ އަޑު އެހުމެއް ބޭއްވުމަށް ޝެޑިއުލް ކުރި ދެ ވަނަ ފަހަރެވެ. ފުރަތަމަ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެެހުމެއް ބޭއްވުމަށް މިމަހުގެ 18 ވަނަ ދުވަހު ޝެޑިއުލްކުރުމަށް ފަހު ކެންސަލް ކުރީ ރައީސް ނަޝީދު ރަށުގައި ނޫޅުއްވާތީ ޗިޓާ ހަވާލުވާނެ މީހަކު ނެތިގެންނެވެ.

ޑިފެންސް މިނިސްޓަރު ނާޒިމް ރާއްޖެ އިން ބޭރުގައި ހުންނަވައި ސަން އަށް މިއަދު ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ނަޝީދުގެ މައްޗަށް އަބުރު ދައުވާ ކުރައްވާފައި ވަނީ އެމްޑީޕީން އުސްފަސްގަނޑުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ނާޒިމަށް މުހާތަބްކޮށް "ބާޣީ" އޭ ގޮވި މައްސަލައިގައި ކަމަށެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ. ނަމަވެސް ބައެއް ސޯޝަލް ނެޓް ވޯކްތަކުގައި އެމްޑީޕީގެ އިސްބައެއް ބޭފުޅުންނާއި އެމްޑީޕީން ވަނީ ޑިފެންސް މިނިސްޓަރާ ދިމާލަށް ބާޣީއޭ ގޮވި މައްސަލައެއްގައި ނަޝީދު ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވާ ކަމަށް ބުނެފަ އެވެ.

ނަޝީދާ ކޯޓުން މިއަދު އެ ޗިޓް ހަވާލުކޮށްފައިވާ އިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާތީ ނަޝީދަށް މާލެއިން ބޭރަށް ވަޑައި ނުގަތުމަށް ހުޅުމާލޭ ކޯޓުން ވަނީ އަންގައިފަ އެވެ.