26 Sep 2012, 13:08
ރާއްޖޭގެ ވިޔަފާރި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ "މޯލްޑިވްސް ކޮންސިއުމާ ފެއާ 2012" މާދަމާ ފަށާގޮތަށް ހަމަޖައްސައިފި އެވެ.
އެ ފެއާ އިންތިޒާމް ކުރާ އާޓްލައިން ޑިޒައިނިން ގެ ޖެނެރަލް މެނޭޖާ އިބްރާހިމް އާމިރު މިއަދު ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުޅުވާލައިގެން ބާއްވާ ފެއާގައި ރާއްޖޭގެ 30 ކުންފުއްޏަކުން 70 ސުޓޯލް ހުންނާނެ ކަމަށެވެ.
"މި ފެއާއަކީ އެ ކުންފުނިތަކުން ވިއްކަން ގެންނަ ޕުރޮޑެކްޓްތަށް އާންމުނަށް ދައްކަލުމާއި ބޮޑެތި ވިޔަފާރިތަކުގެ އުފެއްދުންތައް ލޯންޗްކުރުން ވެސް އޮންނާނެ އަދި ހަމައެއާއެކު އަދި މިފެއާއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އަގު ހުރި އިނާމްތަށްވެސް ލިބިގެންދާނެ" އާމިރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެފެއާ އޮންނާނީ މާދަމައިން ފެށިގެން މިއަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހަވީރު 4:00ން ރޭގަނޑު 12:00 އަށް ދަރުބާރުގޭގައި ކަމަށެވެ. އަދި އެފެއާގައި ކާބޯތަކެތީގެ އިތުރުން ގޭތެރޭގައި ބޭނުންކުރާ ސާމާނާއި މިއުޒިކް ސާމާނާއި އެންމެ ފަހު ގެ ފެޝަންތަކުގެ އަންނައުނުގެ އިތުރުން ތަފާތް ވައްތަރުގެ މުދާ ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.
ފުރަތަމަ ފަހަރަށް ބާއްވާ ކޮންސިއުމާ ފެއާގައި ރާއްޖޭގެ ބޮޑެތި ކުންފުނިތަށް ކަމަށްވާ އެސްޓީއޯ އާއި އެސްޓާސްއިން ވެސް ބައިވެރިވެ އެވެ.