26 Sep 2012, 12:53
ޖީއެމްއާރުގެ އިސް ވެރިންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުންނާ ބައްދަލު ކުރެއްވި ކަމަށް ބުނެ ފަތުރާ އެސްއެމްއެސްތަކީ ދޮގެއް ކަމަށް ބުނެ، އެ ޝަކުވާ ފުލުހުންނަށް ހުށަހަޅައިފި އެވެ.
ޖީއެމްއާރުގެ އިސްވެރިން އޭސީސީގެ ބޯޑުގެ ހަތަރު މެމްބަރުންނާ އެކު ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށް ބުނެ ފަތުރާ އެސްއެމްއެސްގައި ބުނެފައި ވަނީ އެ ބައްދަލުވުން ބާއްވާފައި ވަނީ އެމްޑީޕީގެ މެމްބަރު އަދި ކުރީގެ ފައިނޭންސް މިނިސްޓަރު މުހައްމަދު ޝިހާބުގެ ގޭގައި ކަމަށެވެ.
ވަތަނިއްޔާގެ އަންލިސްޓެޑް ނަމްބަރަކުން ރޭ ކުރި އެ މެސެޖުގައި ބުނެފައި ވަނީ "ޖީއެމްއާރުގެ އިސްވެރިން އޭސީސީގެ ބޯޑުގެ ހަތަރު މެންބަރުންނާ އެކު ސިއްރު ބައްދަލުވުމެއް ބާއްވައިފި" ކަމަށާއި "މި ބައްދަލުވުން އޮތީ 25 ސެޕްޓެމްބަރު 2012 ވަނަ ދުވަހުގެ ރޭ އެމްޑީޕީ މެންބަރު މުހައްމަދު ޝިހާބުގެ ގޭގައި" ކަމަށެވެ.
ނަމަވެސް އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެއީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެ މައްސަލައިގެ ޝަކުވާ ފުލުހުންނަށް ހުށަހަޅާފައިވާ އިރު، މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ރަސްމީކޮށް މިއަދުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މުއައްވިޒު ވިދާޅުވީ އެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކެއްވާ ކަމަށާއި އެ ފަރާތްތަކުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށެވެ.
ނަމަވެސް އެ މައުލޫމާތެއް މީޑިއާއަކަށް ހާމައެއްނުކުރެ އެވެ.
އޭނާ ވިދާޅުވީ އެފަދަ މެސެޖުތައް ކުރަނީ ރައްޔިތުންގެ ކުރިމަތީ ކޮމިޝަންގެ އިތުބާރާއި އަގުވައްޓާލުމުގެ ބޭނުމުގައި ކަމަށެވެ.
"ކޮމިޝަނުން ބަލަމުންދާ އެފަދަ މައްސަލަތަކާ ގުޅިގެން ދޭ އިންޒާރުތަކަކީ މެމްބަރުންގެ އަގީދާ ބަލިކަށިކޮށް ހީނަރުކޮށްލުމަށް ދޭ އިންޒާރުތަކެއް. އެފަދަ ކަމަކުން އަޅުގަނޑުމެން ބަލަމުންދާ މައްސަލަތަކަކަށް ނުފޫޒެއް ނުފޯރާނެ. މައްސަލަތައް ނިންމާނީ މިނިވަންކަމާ އެކު. އަދި އަޅުގަނޑުމެން މައްސަލަތައް ބެލުމުގައި ޖެހިލުމެއް ވެސް ނުވާނެ،" މުއައްވިޒު ވިދާޅުވި އެވެ.
ރޭ އެ އެސްއެމްއެސްތައް ރޯލުކުރި ނަމްބަރުން މީގެ ކުރިން ދެ ފަހަރެއްގެ މަތިން ވެސް ވަނީ އޭސީސީގެ މެމްބަރުންނާ ގުޅޭ އެފަދަ އެސްއެމެއެސްތަކެއް ރޯލުކޮށްފައި ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
އެގޮތުން އެންމެ ފުރަތަމަ އެ ނަމްބަރުން އޭސީސީގެ ރައީސަށް މަރުގެ އިންޒާރު ދީ މެސެޖްކޮށްފައި ވަނީ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ 18 މިލިއަން ރުފިޔާގެ ކޮރަޕްޝަނުގެ މައްސަލަ އޭސީސީން ބެލުމާ ގުޅިގެން ކަމަށް ވެސް މުއައްވިޒު ވިދާޅުވި އެވެ. އަދި ދެ ވަނަ މެސެޖުކޮށްފައި ވަނީ އޭސީސީގެ މެމްބަރުންނާއި ސަރުކާރުގެ އިސްވެރިންތަކަކާ ގުޅޭ ގޮތުން ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ދެ މައްސަލައިގެ މައުލޫމާތު ވެސް ފުލުހުންނާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ.