03 Aug 2026, 11:16

ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދިނުން ލަސްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހޭވި ހަޑީގެ ސަބަބުން ކަމަށާއި އޭރު ފެނަކައާ ހަވާލުކުރި ހުރިހާ މަޝްރޫއެއް އޮތީ މި ސަރުކާރު އައިއިރު ހުއްޓިފައި ކަމަށް، ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ބ. ކިހާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށޭތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރައްވައިފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މުއްތަލިބު ވިދާޅުވީ، ކިހާދޫގެ ފެނާއި ނަރުދަމާ އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުގެ މެދުތެރޭ ކަމަށާއި، މިހާރު ކުރިއަށް ދަނީ ޕަމްޕު ސްޓޭޝަނާއި އާރުއޯ ޕްލާންޓުގެ އިމާރާތުގެ މަސައްކަތްތައް ކަމަށެވެ. އެ މަޝްރޫއުގެ 10 އިންސައްތަ ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ މިހާރު މަސައްކަތް ކުރަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ މަޝްރޫއުގެ އެންމެހައި މަސައްކަތްތައް ނިންމައިލުމަށް ކަމަށެވެ.
ކިހާދޫ ވެސް ހިމެނޭހެން ޑިސެންބަރު 29، 2021ގައި ފެނާއި ނަރުދަމާ ގާއިމުކޮށް ޚިދުމަތް ދިނުމަށް ފެނަކައާ ހަވާލުކުރި މަޝްރޫއުގެ ތެރެއިން ނޮވެންބަރު 2023ގެ ނިޔަލަށް ނިންމުނީ އެންމެ 16 އިންސައްތަ ކަމަށް ވިދާޅުވެ، މުއްތަލިބު ވިދާޅުވީ އެ މަޝްރޫއު ކުރިއަށް ގެންދެވޭނެތޯ ފެނަކައާ ވާހަކަ ދެއްކުމުން، އެ މަޝްރޫއުތައް ކުރިއަށް ގެންދެވެން ނެތް ކަމަށް އޭރު ބުނި ކަމަށެވެ.
"އެހެން ނަމަވެސް ފެނަކައިން ވިދާޅުވީ އޭރުގައި ކުރިން އޮތް މެނޭޖްމަންޓުން އެ ބޭފުޅުން ސޮއިކޮށްފައި އޮތް ވަރަށް ވުރެ މާ ބޮޑު އަގުގައި ސަބް ކޮންޓްރެކްޓް ކޮށްފައި އޮތުމާއެކު ފެނަކައަށް އެ މަޝްރޫއު ކުރިއަށް ގެންދެވެން ނެތް ކަމަށް، އެއްގޮތަކަށް ވެސް ކުރިއަށް ގެންދެވެން ނެތުމާ އެއްކޮށް އަޅުގަނޑުމެން ޓާމިނޭޓް ކޮށްފައި އެމްޑަބްލިއުއެސްސީ އާ ހަވާލުކުރީ،" އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު: ވިދާޅުވީ ފެނާއި ނަރުދަމާގެ ޚިދުމަތްތައް ދިނުން ލަސްވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ހޭވި ހަޑިތަކުގެ ސަބަބުން ކަމަށް --- ފޮޓޯ: މަޖިލިސް
ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް ފެނަކައާ ހަވާލުކުރިއިރު، މަޝްރޫއު ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ކަމަށާއި، އެ މަޝްރޫއު ސަބް ކޮންޓްރެކްޓް ކުރި ބައެއް ކުންފުނިތަކުގައި ވެސް މަޝްރޫއު ހިންގުމުގެ ތަޖުރިބާ ނެތް ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި މަޝްރޫއެއް ސަރުކާރު ކުންފުންޏަކާ ހަވާލުކުރުމަށް ފަހު މުޅި މަޝްރޫއު އެއްކޮށް ސަބް ކޮންޓްރެކްޓް ކުރުމަކީ މާލިއްޔަތު ގަވައިދުގައި މަނާ ކަމެކެވެ.
ނަމަވެސް ފެނަކައިން އޭރު ވަނީ މާލިއްޔަތު ގަވައިދާ ޚިލާފަށް މުޅި މަޝްރޫއު އޮތް ގޮތަށް ސަބް ކޮންޓްރެކްޓް ކޮށްފައި ކަމަށް މުއްތަލިބު ވިދާޅުވިއެވެ.
"އެހެންވީމާ ހަގީގަތުގައި ކުރީ ސަރުކާރުން ހޭވި ހަޑިއެއްގެ ސަބަބުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އަޅުގަނޑުމެންނަށް ލަސްތަކެއް ވެގެން މި ދިޔައީ،" އޭނާ ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި ކުޑަ ރަށެއް, ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ކަމަށް ބުނެ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވަނީ ގިނަ ރަށްތަކެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ފަށައިފައެވެ. ނަމަވެސް ކޮވިޑްގެ އާލަމީ ވަބާ ވެސް ކުރިމަތިވި, އެ ވެރިކަން ނިމުނުއިރު އޭގެ ތެރެއިން ގިނަ މަޝްރޫއުތަކެއް ނިންމޭ ގޮތެއް ނުވިއެވެ.
މީގެ އިތުރުން، ފެނަކައިގެ ހިންގުމާއި، އެ ކުންފުނިން ހަވާލުވި މަޝްރޫއުތަކާ ގުޅޭ ގޮތުން ކޮރަޕްޝަނުގެ ތުހުމަތުތައް އަމާޒުވެ، އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވެސް ބަލަމުންދެއެވެ.