ލަނޑު ނުޖެހޭ ކަމަށް ބުނެ ، ގިނަ މީޑިއާތަކުގައި ތަފާތު ވާހަކަތަކެއް ދެއްކި ނަމަވެސް ބާސެލޯނާގެ މިޑްފީލްޑަރު ފެބްރިގާސްގެ އަމާޒަކީ ލަނޑު ޖެހުމަށް ވުރެ، ލަނޑު ޖަހާނެ ފުރުސަތުތައް ކުޅުންތެރިންނަށް ތަނަވަސްކޮށްދިނުން ކަމަށް އޭނާ ބުނެފި އެވެ.

މެޗްތަކުގައި އެންމެ އެދެވޭ މިންވަރަކަށް ގޯލުތައް ނުޖެހޭކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފެބްރިގާސްއާ ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކަށް ރައްދު ދެމުން ފެބްރިގާސް ބުނީ، ފާޑު ކިޔުންތައް އަމާޒުވިނަމަވެސް އެންމެ ބޮޑަށް އިސްކަން ދެނީ ޓީމުގެ އެހެން ކުޅުންތެރިނަށް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސް ކޮށްދިނުމަށް ކަމަށެވެ. އަދި މީޑިއާގައި އެ ވާހަކަތައް އެގޮތައް ދެއްކި ނަމަވެސް ބާސާގައި ހުރީ ވަރަށް އުފަލާއެކު ކަމަށާއި ކުރިއަށް އޮތްތާގައި ވެސް ބާސާއަށް ރަނަގަޅު ކާމިޔާބީއެއް ހޯދާދިނުމުގައި ހުންނަން ބޭނުން ވާކަމަށް ފެބްރިގާސް ބުންޏެވެ.

"ފާޑުކިއުންތަކާއި ކުރިމަތިލާން ޖެހުނުނަމަވެސް އެކަމާމެދު ނުވިސްނަން. އަހަރެން ބާސާގައި ހުރީ އުފަލާއެކު. ބާސާއަށް ކާމިޔާބު ހޯދާދިނުމުގައި އަބަދުވެސް މަސައްކަތް ކުރަން'" އާސެނަލްގެ ކުރީގެ ކެޕްޓަން ފެބްރިގާސް ބުންޏެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ފެބްރިގާސސް ބާސާއަށް ބަދަލުވުމަށްފަހު މިދިޔަ ސީޒަނުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް މިސީޒަނުގައި އޭނާއަށް މާއެދެވޭ ކުޅުމެއް ނުދެއްކޭ ކަމަށް ބުނެފައި ވެއެވެ. އަދި އޭނާގެ ފަރާތުން މާމޮޅެތި ގޯލްތަކެއް މިސީޒަންގައި ނުފެންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.