07 Sep 2010, 10:53
ގާނޫނު އަސާސީއާ ފުށުއަރާ ކަމަށް ބުނެ، މިދިޔަ މަހު ފަހުކޮޅު ރައްޔިތުންގެ މަޖިލީހުން އުވާލި ގާނޫނުތަކުގެ ތެރޭގައި ހިމެނޭ، ދިވެހި ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގެ ދެ ވަނަ މާއްދާގެ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި ނަމަ ލ. އަތޮޅާއި ހުވަދު އަތޮޅާ ދެމެދު އޮންނަ ކަނޑަކީ ރާއްޖޭގެ ބަޔަކަށް ނުވެ، އެ ސަރަހައްދަށް ވަދެ ނުކުމެ އުޅޭ ބޭރުގެ ބޯޓްފަހަރާ ދޭތެރޭ އެޅޭނެ ފިޔަވަޅެއް ނޯންނާނެ ކަމަށް، ދާދި ފަހުން އިސްތިއުފާ ދެއްވި ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސޫދު ވިދާޅުވެއްޖެ އެވެ.
ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ސޫއޫދު މިއަދު ވިދާޅުވީ އެ ގާނޫނުގެ "ދެ ވަނަ މާއްދާ އުވާލީމާ ރާއްޖޭގެ އެތެރޭގެ ކަނޑު ކިޔާ އެއްޗެއް ނޯންނާނެ" ކަމަށާއި ބޭރު ދުނިން 12 މޭލުގެ ސަރަހައްދު ކަނޑާލީމާ ހުވަދު އާއި ލ. އަތޮޅު ދޭތެރެއިން ބައެއް ގެއްލޭނެ ކަމަށެވެ.
ސުއޫދު ވިދާޅުވި ގޮތުގައި ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ބޭރު ދުނިން 12 މޭލުގެ ސަރަހައްދަކީ ކޮންމެ ގައުމެއްގެ ވެސް އެތެރޭގެ ކަނޑުގެ ގޮތުގައި ހިމެނޭ ސަރަހައްދު ކަމަށާއި ނަމަވެސް ރާއްޖޭގެ ލ. އަތޮޅާއި ހުވަދު އަތޮޅާ ދޭތެރޭ އޮންނަ ކަނޑު، ބޭރު ދުނިން 24 މޭލަށް ވުރެ ވެސް ބޮޑު ކަމާއެކު އެބައި ގާނޫނުން ހިމާޔަތް ނުކޮށް އޮވެއްޖެ ނަމަ، އެ ސަހައްދު ގެއްލޭނެ އެވެ.
"ރާއްޖޭގައި މިވާ ގޮތަކީ ކޯސްޓްލައިނުން ބަލައިފިއްޔާ، އެއް އަތޮޅުގެ ދުނިން 12 މޭލް ކަނޑާފިއްޔާ، މިސާލަކަށް ހުވަދު އަތޮޅާއި ލ. އަތޮޅާ ދޭތެރޭ މިއިންނަ ބައި 24 މޭލަށް ވުރެ [ދުރު]. ދެން އިންނަ ޗެނަލް [ގެބައިން] އިންނާނެތާ ހަނި ތަންކޮޅެއް، އެ ތަންކޮޅު ރާއްޖޭގެ ސަރަހައްދަށް ނުވަނީ،" ކުރީގެ ބަންޑާރަނައިބު ވިދާޅުވި އެވެ.
ސުއޫދު ވިދާޅުވީ އެ ގާނޫނުގެ ދެ ވަނަ މާއްދާގެ ބޭނުމަކީ ބޭރު ދުނިން މިން އަޅާލީމާ ހުވަދޫ ކަނޑު ނޫނީ މަޝްހޫރު ވަން އެންޑް ހާފު ޑިގްރީ ޗެނެލުން ގެއްލޭ ބައި ކަވަރު ކުރުން ކަމަށެވެ.
މިދިޔަ މަހު އުވާލި އެ ގާނޫނުގެ ދެ ވަނަ މާއްދާގައި ވަނީ "ދިވެހި ރާއްޖޭގެ ކޮންމެ އަތޮޅެއްގެ އެތެރެވަރި އާއި ރަށްރަށުގެ ފަޅާއި ފަރުތަކަކީ ދިވެހި ރާއްޖޭގެ އެތެރޭގެ ކަނޑެވެ. އަދި މި ތަންތަނުގެ އިތުރަށް ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތީން ކަނޑުގެ އެކި އެކި ސަރަހައްދު، ދިވެހި ރާއްޖޭގެ އެތެރޭ ކަނޑުކަމުގައި ކަނޑައެޅުމުގެ ހައްގު، ދިވެހި ސަރުކާރަށް ލިބިގެން" ވާ ކަމަށެވެ.
އެ ސަރަހައްދު ގާނޫނުން ޑިކްލެއާކޮށްފައި ނުވާ ނަމަ ބޭރުގެ ފަރާތްތަކަށް އެ ކަނޑަށް ވަދެ ބޭނުން ކަމެއް ކުރުމުގެ ހައްގު އޮންނާނެ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ބައެއް ގާނޫނުތަކާ އެކު 75 އަށްވުރެ ގިނަ ގާނޫނުގެ މާއްދާތައް އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ މިދިޔަ މަހު ފާސްކޮށްފަ އެވެ. ނަމަވެސް އެ ބިލްތައް އަދި ރައީސުލްޖުމްހޫރިއްޔާ ތަސްދީގެއް ނުކުރައްވަ އެވެ.