03 Aug 2026, 08:23

މީގެ ހަ އަހަރު ކުރިން ނެޓްފްލިކްސްއިން ގެނެސްދިން މަގުބޫލު ޓީން ކޮމެޑީ ޝޯ "ނެވަ ހޭވް އައި އެވަ"ގެ ބަތަލާ މައިތުރޭއީ ރާމަކްރިޝްނަންގެ ފިލްމެއް އަންނަ މަހުން ފެށިގެން ނެޓްފްލިކްސްގައި ސްޓްރީމްކުރާނެކަން އިއުލާނުކޮށްފިއެވެ.
"ބެސްޓް އޮފް ދަ ބެސްޓް"ގެ ނަމުގައި ގެނެސްދޭ މި ޝޯ އަކީ، ނެށުމުގެ ކޮމެޑީ ފިލްމެކެވެ. ސްރީލަންކާއަށް ނިސްބަތްވާ މައިތުރޭމީ ފިލްމުގެ ލީޑް ރޯލްއިން ފެންނާނެއިރު، ޕްރިޔަންކާ ކޭޑިއާ އަދި ހަސަން މިންހާޖް ފަދަ ތަރިން ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ ކުޑައިރުއްސުރެ ގާތް ދެ އެކުވެރިން ކަމަށްވާ މާޔާ (މައިތުރޭއީ) އާއި އަންޖަލީ (ޕްރިޔަންކާ)ގެ މައްޗަށެވެ. ޔޫސީއެލްއޭގެ ވާދަވެރި ބޮލީވުޑް-ފިއުޝަން ޑާންސް ޓީމާ ގުޅި، އެމެރިކާގެ ޗެމްޕިއަންކަން ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން، އެ ދެމީހުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، އުފެދޭ ރަހުމަތްތެރިކަމާއި، އަދި އަމިއްލަ ނަފްސަށް އަންނަ ބަދަލުތައް މި ފިލްމުން ދައްކުވައިދޭނެއެވެ.

މަގުބޫލު ޓީން ކޮމެޑީ ޝޯ "ނެވަ ހޭވް އައި އެވަ"ގެ މަންޒަރެއްގައި ބަތަލާ މައިތުރޭއީ--ފޮޓޯ/ވެރައިޓީ
ހަސަން މިންހާޖް މި ފިލްމުގައި ކުޅެނީ ޕްރޮފެސަރު ހަމްޒާ ލަތީފްގެ ރޯލެވެ. އޭނާއަކީ މި ފިލްމުގެ ސްކްރީންޕްލޭ ލިޔުމުގައި ވެސް ބައިވެރިވި ފަރާތެކެވެ. މީގެ އިތުރުން، ހަސަން މިންހާޖާއި ޕްރަޝާންތު ވެންކަޓަރަމަނުޖަމް އަކީ މި ފިލްމުގެ ޕްރޮޑިއުސަރުންވެސް މެއެވެ.
ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން މިންހާޖް ބުނެފައިވަނީ، "ބެސްޓް އޮފް ދަ ބެސްޓް" އަކީ އަންހެން ކުދިންގެ މެދުގައި އޮންނަ ގާތް ރަހުމަތްތެރިކަމާއި، އެކަކު އަނެކަކަށް ދޭ އެއްބާރުލުމުގެ އިތުރުން އަމިއްލަ ނަފްސު ބަލައިގަތުމާ ގުޅޭ ފިލްމެއް ކަމަށެވެ. އަދި ވެންކަޓަރަމަނުޖަމް ބުނި ގޮތުގައި، މި ފިލްމަކީ މުޖުތަމައުގެ ތެރޭގައި ތިމާގެ އަގު ވަޒަންކުރެވުމުގެ މުހިންމުކަން ދައްކުވައިދޭ ފިލްމެކެވެ.
ލީނާ ޚާން ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ނެށުމާއި، ރަހުމަތްތެރިކަމާއި، އަދި އަމިއްލަ އުންމީދުތައް ހާސިލުކުރުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވަރަށް އަސަރުގަދަ ވާހަކައެކެވެ. ލީނާ ބުނި ގޮތުގައި މި ފިލްމުގެ ސްކްރިޕްޓްގައި ތަފާތު އެތައް ރަހަތަކެއް އެކުލެވިގެންވެއެވެ.
މި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ އެމެރިކާގެ ކޮލެޖް ކެމްޕަސްތަކުގައި އޮންނަ ބޮލީވުޑް-ފިއުޝަން ޑާންސް މުބާރާތްތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. މިއީ ދެކުނު އޭޝިއާގެ ދަރިވަރުން އެމީހުންގެ ކިޔެވުމާ އެކު، ފޯރިއާ އެކު ބައިވެރިވާ މުބާރާތްތަކެކެވެ.
"ބެސްޓް އޮފް ދަ ބެސްޓް"ގައި ލިލީ ސިންގް، ޖަނީނާ ގަވްރާންކަރް އަދި ސާރާ ޗައުދަރީ ފަދަ މަޝްހޫރު ފަންނާނުންވެސް ފެންނާނެއެވެ. މި ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.