ދިހަ ރުފިޔާ ހޭދަ ކޮށްގެން މުޅި ދުވަހު ވަތަނިއްޔާގެ ކޮންމެ ނަމްބަރަކަށްވެސް ހިލޭ ގުޅާލެވޭ ގޮތަށް "ޑެއިލީ އަންލިމިޓެޑް 10" ގެ ނަމުގައި އާ ޕެކޭޖެއް ވަތަނިއްޔާ އިން މިއަދު ތައާރަފް ކޮށްފި އެވެ.

މީޑިއާ އަށް މައުލޫމާތު ދެއްވަމުން ވަތަނިއްޔާގެ ސީނިއާ އެގްޒެކެޓިވް ޑިޖިޓަލް މީޑިއާ އަހްމަދު ޒަރީރު މިއަދު ވިދާޅުވީ އަލަށް ތައާރަފް ކުރެވުނު ޕެކޭޖަކީ މިދިޔަ އޯގަސަޓް މަހު އެ ކުންފުނިން ތައާރަފް ކުރި ކާމިޔާބު 'ލިވް އަން ލިމިޓެޑް' ގެ ދަށުން ތައާރަފް ކުރެވުނު ޕެކޭޖެއް ކަމަށެވެ.

އަލަށް ތައާރަފް ކުރެވުނު ޕެކޭޖަކީ ވަތަނިއްޔާ ކަސްޓަމަރުންގެ ތެރެއިން ޕްރީޕެއިޑް ބޭނުން ކުރައްވާ ފަރާތް ތަކަށް ޚާއްސަ ކުރެވިގެން ތައާރަފް ކުރެވުނު ޕެކޭޖެކެވެ.

ޒަރީރު ވިދާޅު ވީ ވަތަނިއްޔާގެ އަމާޒަކީ އެ ކުންފުނީގެ ޚިދުމަތް ހޯދާ ފަރާތް ތަށް އެންމެ ބޭނުން ވާނެ ޚިދުމަތް ތަކެއް ފޯރު ކޮށް ދިނުން ކަމަށެވެ. އަލަށް ތައާރަފް ކުރެވުނު ޕެކޭޖުން ވަތަނިއްޔާގެ މަޤްސަދު ހާސިލް ވެއްޖެ ކަމަށާއި، މުޅި ދުވަހު 10 ރުފިޔާ ޚަރަދު ކޮށްްގެން ހިލޭ ގުޅާ ލެވުމަކީ ވަތަނިއްޔާގެ ޚިދުމަތް ހޯދާ ފަރާތް ތަކުގެ ޖީބަށް ވަރަށް ބޮޑު ލުއި ކަމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ވަތަނިއްޔާ އިން މިއަދު އަލަށް ތައާރަފް ކުރި ޚިދުމަތުގެ އިތުރުން އެ ކުންފުނިން ވަނީ 99 ރުފިޔާ އަށް ހަފްތާގެ ހުރިހާ ދުވަހަކު ވަތަނިއްޔާގެ ކޮންމެ ނަމްބަރަކަށްވެސް ހިލޭ ގުޅޭ ގޮތަށް "ވީކްލީ އަން ލިމިޓެޑް 99" ނަމުގަ ވެސް ޚިދުމަތެއް ތައާރަފް ކޮށްފަ އެވެ.