26 Sep 2012, 11:59
ތެލުގެ ވިޔަފާރިކުރަމުން އަންނަ އަމިއްލެ ކުންފުއްޏެއް ކަމަށްވާ މެރީޑިއަމް ސާވިސަސް އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އެ ކުންފުނިން ވެސް ބޮޑުކޮށްފި އެވެ.
މެރީޑިއަމް އިން ބުނީ ޕެޓްރޯލް ލީޓަރަކުން 47ލ. އަދި ޑީސަލް ލީޓަރަކުން 49ލ. އަގު ބޮޑުކޮށްފައިވާ ކަމަށެވެ. އެގޮތުން ކުރިން 16.93ރ. ވިއްކަމުން އައި ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 17.40ރ. އަށެވެ. އަދި 16.15ރ. ވިއްކި ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 16.64ރ. އަށެވެ.
މެރީޑިއަމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުންފުނިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގަށް ބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން އެކުންފުނިން ގަންނަ ޕެޓްރޯލްގެ އަގު ބޮޑުވުމުން ކަމަށެވެ.
މެރީޑިއަމް އިން ތެލުގެ އަގު ބޮޑު ކޮށްފައިވާ އިރު ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ވެސް ވަނީ ބޮޑު ކޮށްފަ އެވެ. އެގޮތުން އެކުންފުނިން ވަނީ ޑީސަލް ލީޓަރަކުން 49ލ. އަދި ޕެޓްރޯލް ލީޓަރަކުން 47ލ. ބޮޑުކޮށްފަ އެވެ.
ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވިނަމަވެސް ދުނިޔޭގެ ބަޒާރުގައު މިހާރު އަަންނަނީ ތެލުގެ އަގު ދަށްވަމުން ނެވެ. އެގޮތުން އެމެރިކާގައި ތެޔޮ ފީފާއެއްގެ އަގު 68 ސެންޓް ހެޔޮވެ، 92.21 ޑޮލަރަށް ފީފާއެއް ވިއްކާ އިރު އިނގިރޭސިވިލާތުގައި ސާފުނުކުރާ ތެޔޮ ފީފާއެއް ވިއްކަމުން ދަނީ 84 ސެންޓް ހެޔޮކޮށް، ފީފާއެއް 110.58 ޑޮލަރަށެވެ.