26 Sep 2012, 11:46
މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ނިމެންޖާ ވިޑިޗަށް އަނިޔާވެ މަދުވެގެން އަށް ހަފުތާވަންދެން ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.
އޭނާއަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި އެފްސީ ބަސެލްއާ ދެކޮޅަށް ކުޅެނިކޮށެވެ. މިހެންވެ ހަފުތާ ބަންދުގައި ލިވަޕޫލާއެކު މެންޗެސްޓާ ކުޅުނު މެޗުގައި އޭނާ ވަނީ ރެސްޓްކޮށްފަ އެވެ.
ނަމަވެސް އެންމެ ފަހުގެ މެޑިކަލް ރިޕޯޓަތައް ދައްކާގޮތުން ވިޑިޗްގެ ކަނާތު ކަކުލުގެ މެނިސްކަސް ހަލާކުވެ ވަނީ އޮޕަރޭޝަން ކުރަން ޖެހިފަ އެވެ. އޭނާ އަށް ވަނި ހުސްވި ސީޒަނުގެ ވެސް އެންމެ ފަހު ފަސް ހަފުތާގައި އަނިޔާގެ ސަބަބުން ނުކުޅެ ހުންނަން ޖެހިފަ އެވެ.
ވިޑިޗަށް އަނިޔާވިއިރު މެންޗެސްޓާގެ ކްރިސް ސްމޯލިން އާއި ފިލްޖޯންސް އަށް ވެސް ވަނީ އަނިޔާވެ ދުވަސްކޮޅަކު ނުކުޅެތިބެން ޖެހިފަ އެވެ.
އަަދި ލިވަޕޫލް އާއި މެންޗެސްޓާގެ މެޗުގައި އަނިޔާގެ ލިވަޕޫލްގެ ޑިފެންޑަރު މާޓިން ކެލީ އަށް ވަނީ ސީޒަން ނިމިފަ އެވެ. ކެލީ އަކީ މިހާރު އަރަމުން އަންނަ ކުޅުންތެރިންގެ ތެރެއިން އިނގިރޭސި ގައުމީ ޓީމުގައި ވެސް ހިމެނޭ ކުޅުންތެރިއެކެވެ.