ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުން މިހާރު ފާހަގަކުރަމުން ދަނީ ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް މިހާރު އެންމެ މުހިއްމު މައްސަލަ ކަމަށާއި އެއީ އެތެރެއާއި ބޭރުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް ނައިބުރައީސް މުހައްމަދު ވަހީދުއްދީން ވިދާޅުވެއްޖެ އެވެ.

ސާކް އިންޓީރިއާ، ހޯމް މިނިސްޓަރުންގެ ބައްދަލުވުން ފައްޓަވައި ދެއްވުމުގެ ގޮތުން ބަނޑޮސް އައިލެންޑް ރިޒޯޓްގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ސަރަހައްދުގެ ގައުމުތަކަށް އެންމެ މުހިއްމީ އެތެރެއާއި ބޭރުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށާއި އެހެން ކަމުން މިއަދު މި ސަރަހައްދުގެ ހޯމް އިންޓީރިއާ މިނިސްޓަރުންގެ ބައްދަލުވުމަކީ މުޅި ދުނިޔެއަށް ވެސް މުހިއްމު ބައްދަލުވުމެއް ކމަށެވެ.

"ސާކްގެ ގައުމުތަކުން ފަހަގަކޮށް މަޝްވަރާކުރަމުން މިދަނީ މުޅި ދުނިޔޭގެ ހުރިހާ ގައުމަކަށް ވެސް މިހާރު އެންމެ މުހިއްމު މައްސަލައާ މެދު، އެއީ ސަލާމަތާއި ރައްކާތެރިކަން، އެތެރެއާއި ބޭރުގެ ރައްކާތެރި ކަމަކީ މިހާރު ހުރިހާ ގައުމަކަށް ވެސް އެންމެ މުހިއްމު ކަންތައް،" ނައިބުރައީސް ވިދާޅުވި އެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ކަނޑުފޭރުމުގެ މައްސަލައާއި ޑްރަގް ޓްރެފިކިން އާއި ހިއުމަން ޓްރެފިކިން އާއި ޓެރަރިޒަމް ފަދަ މައްސަލަތަކާމެދު ބައްދަލުވުމުގައި ވާހަކަ ދެކެވި ހައްލުތަކެއް ހޯދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ހުރިހާ ގައުމުތަކެއްގެ ހުރިހާ އެންމެންނަކީ އެއް ނަސްލެއްގެ މީހުން ކަމަށާއި އެހެންވީމާ އެންމެންނަށް ވެސް އިހުތިރާމްކުރަން ޖެހޭނެ ކަމަށާއި އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރާނަމަ ތަރައްގީއަށް މަގުފަހިވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ. ޑީން ވިދާޅުވީ ޕާޓީތަކަކީ މީހުންގެ މެދުގައި ބައިބައިވުން އުފެދޭނެ ސަބަބެއް ކަމަށް ވާން ނުޖެހޭނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސާކް ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަލީމާއި ރާއްޖޭގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު ވެސް ތަގުރީރު ކުރެއްވި އެވެ. ދެ ބޭފުޅުންގެ ވާހަކަފުޅުގައި ވެސް ފާހަގަކުރެއްވީ ސަރަހައްދުގައި ސަލާމަތީ ގިނަ މައްސަލަތަކެއް ހުރިކަމާއި އެމައްސަލަތަކާ މެދު މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ކަމެވެ.
މިއަދު ފެށި ސާކް އިންޓީރިއާ ހޯމް މިނިސްޓަރުންގެ ބައްދަލުވުމުގެ ކުރިން ، މިބައްދަލުވުމަށް ތައްޔާރުވުމުގެ ގޮތުން ތިން ބައްދަލުވުމެއް ވަނީ ބާއްވާފަ އެވެ. އެއީ ސާކްގައުމުތަކުގެ އިމިގްރޭޝަންގެ ވެރިންގެ ބައްދަލުވުމަކާއި ހޯމް ސެކްރެޓަރީންގެ ބައްދަލު ވުމެކެވެ. އެ ދެ ބައްދަލުވުމުގައި މިއަދުގެ ބައްދަލުވުމަށް ހުށައަޅާނެ ގިނަ ކަރުދާސްތަކެއް ހުށައަޅައި، ބަހުސްކޮށްފައި ވެއެވެ. ސާކް އިންޓީރިއާ ހޯމް މިނިސްޓަރުން ގެ ބައްދަލުވުން މިއަދު ހަވީރު ނިމޭނެއެވެ.