02 Aug 2026, 08:41

އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރަޝްމިކާ މަންދަނާއަށް ފިލްމު ސެޓުގައި ލިބުނު އަނިޔާއަކާ ގުޅިގެން ފިލްމީ މަސައްކަތްތައް ވަގުތީގޮތުން ހުއްޓާލާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ބަތަލާ އުނަގަނޑަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން ހަ ހަފުތާގެ އަރާމުކުރުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު މި ހާދިސާއާ ގުޅޭގޮތުން ރަޝްމިކާގެ ފަރާތުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ރަޝްމިކާއަށް މި އަނިޔާ ލިބުނީ ބަތަލާގެ އައު ފިލްމެއްގެ މަސައްކަތް ކުރިއަށްދިޔަ ސެޓެއްގައި ނަށާ މަންޒަރެއް ކުޅެމުން ދަނިކޮށް ވެއްޓިގެންނެވެ. މި ހާދިސާގައި ރަޝްމިކާގެ އުނަގަނޑުގެ މަސްގަނޑާއި ކަށި ގުޅުވައިދޭ ނާރު ވަނީ މުޅިން ވަކިވެފައި ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
މި ހާދިސާ ހިނގާފައިވަނީ ބަތަލާގެ ކުރިއަށް އޮތް ދެ ފިލްމު ކަމަށްވާ "ރަނަބާލީ" ނުވަތަ "މައިސާ"ގެ ސެޓުގައި ކަމަށް ބެލެވެއެވެ. އަނިޔާވުމާއެކު ފިލްމުގެ މަސައްކަތް ވަގުތުން ހުއްޓާލައި، ސެޓުގެ މުވައްޒަފުން ވަނީ ރަޝްމިކާ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ރަޝްމިކާ އާއި ވިޖޭ ފިލްމު "ރަނަބާލީ"ގެ މަންޒަރެއްގައި--ފޮޓޯ/ޓެލެގްރާފްއިންޑިއާ
ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، މިއީ އާންމުކޮށް ފިލްމީ ތަރިންނަށް ދިމާވާ ކަހަލަ އަނިޔާއެއް ނޫނެވެ. މިފަދަ ބޮޑެތި އަނިޔާތައް އާންމުކޮށް ދިމާވަނީ ވަރަށް ބުރަކޮށް ތަމްރީނު ހަދާ ކުޅިވަރު ކުޅުންތެރިންނަށެވެ.
މެޑިކަލް ޗެކަޕްތަކަށްފަހު، ޑޮކްޓަރުން ވަނީ ރަޝްމިކާއަށް ވަނީ ހަ ހަފުތާގެ ފުރިހަމަ އަރާމުކުރުމަށް އަންގާފައެވެ. އަދި އަލުން މަސައްކަތަށް ނުކުތުމުގެ ކުރިން، ނާރު ރަނގަޅަށް ފަސޭހަވޭތޯ ބެލުމަށްޓަކައި ހާއްސަ ފިޒިއޮތެރަޕީ ޕްރޮގްރާމެއް ފުރިހަމަކުރުމަށްވެސް ޑޮކްޓަރުން ލަފާދީފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މި އަނިޔާއާ ގުޅިގެން ރަޝްމިކާ ކުރިއަށް ހުރި ފިލްމުތަކުގެ މަސައްކަތްތަކާއި އިޝްތިހާރުތަކުގެ މަސައްކަތްތައް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.
ރަޝްމިކާގެ ކުރިއަށްހުރި ފިލްމުތަކުގެތެރެއިން "ރަނަބާލީ" އަކީ ބަތަލާގެ ފިރިމީހާ، ދެކުނު އިންޑިއާގެ މަގުބޫލު އެކްޓަރު ވިޖޭ ދެވެރަކޮންދާއާ އެކު މަސައްކަތްކުރާ ފިލްމެކެވެ. މި އަންނަ ސެޕްޓެމްބަރު މަހުގެ 11ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމަކީ ދެ ތަރިން އެކީގައި މަސައްކަތްކުރާ ތިން ވަނަ ފިލްމެވެ.