26 Sep 2012, 11:38
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވާތީ ހުޅުމާލޭ ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ވަޑައި ނުގަތުމަށް ހުޅުމާލޭ ކޯޓުން ނަޝީދަށް އަންގައިފި އެވެ.
ޖުޑީޝަރީގެ ސްޕޯކްސް ޕާސަން ލަތީފާ ގާސިމް މިއަދު ވިދާޅުވީ ރައީސް ނަޝީދުގެ އިތުރުން އެ މައްސަލައިގައި ދައުވާ ލިބޭ ހުރިހާ ބޭފުޅުންނަށް ވެސް އެ އެންގުން ހުޅުމާލޭ ކޯޓުން އިއްޔެ އަންގަފައިވާ ކަމަށެވެ. އަދި އެ އެންގުން އަންގާފައި ވަނީ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލު ކުރާ ގޮތުގެ ގަވާއިދުގެ 23 ވަނަ މާއްދާ އާއި 24 ވަނަ މާއްދާގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރި މައްސަލައާ ގުޅިގެން ދައުލަތުން ދައުވާ ކުރާ ހުރިހާ ފަރާތްތަކަށް ވެސް އިއްޔެ ހުޅުމާލޭ ކޯޓުން އަންގާފައި ވަނީ، ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ 23 ވަނަ މާއްދާ އާއި 24 ވަނަ މާއްދާގެ ދަށުން ހުޅުމާލޭ ކޯޓުގެ ހުއްދަ ނެތި ރާއްޖެއިން ބޭރަށް ފުރައިގެން ނުދެވޭނެ ކަމަށް،" ލަތީފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދައުލަތުން ދައުވާ ކުރާ އެ މައްސަލަ ހުޅުމާލޭ ކޯޓަށް ބަލައިގެންފައިވާކަމާއި އަދި ގާނޫނީ ވަކީލަކު އައްޔަން ކުރުމަށް ފަހު މައްސަލައާ ގުޅޭ ލިޔުންތައް ނެގުމަށް އެ މައްސަލައިގައި ދައުވާ ލިބޭ ހުރިހާ ފަރާތްތަކަށް ވެސް އަންގާފައިވާ ކަމަށެވެ.
"އެ މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާކަން ވަނީ ދައުވާ ލިބޭ ހުރިހާ ފަރާތްތަކަށް ވެސް އަންގާފަ. އަދި ގާނޫނީ ވަކީލަކު އައްޔަން ކުރުމަށް ވެސް ވަނީ ފުރުސަތު ދީފައި. އަދި މައްސަލައާ ގުޅޭ ލިޔުންތަކަށް އެދުމުން ހުޅުމާލޭ ކޯޓުން ލިޔުންތައް ދޫކުރާނެ ކަމަށް ދައުވާ ލިބޭ ހުރިހާ ފަރާތްތަކަށް ވެސް ވަނީ އަންގާފައި،" ލަތީފާ ވިދާޅުވި އެވެ.
ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ 23 ވަނަ މާއްދާގައި ބުނަނީ ކޯޓަށް މައްސަލައެއް ހުށަހެޅިފައި ވަނިކޮށް ދައުވާ ކުރާ ފަރާތް ނުވަތަ ދައުވާ ލިބޭ ފަރާތް ކޯޓުގެ ހުއްދަނެތި ފުރައިގެން ގޮސްގެން ނުވާނެ ކަމަށެވެ. އަދި އެ ގާނޫނުގެ 24 ވަނަ މާއްދާގައި ބުނަނީ ކޯޓަށް މައްސަލައެއް ހުށަހެޅިފައި ވަނިކޮށް ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ފުރޭނީ ކޯޓުން އެކަމަށް ހުއްދަ ދިނުމުން ކަމަށެވެ.
އަބްދުﷲ ގާޒީ ގާނޫނާއި ޚިލާފަށް ހައްޔަރުކޮށް 22 ދުވަސް ވަންދެން ކ. ގިރިފުށީގައި ބެހެއްޓި މައްސަލައިގައި ނަޝީދުގެ އިތުރުން ދައުލަތުން ދައުވާކޮށްފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލާއި ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ އިތުރުން ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
އެ ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުރާ ދައުވާ އަކީ ގާނޫނާ ޚިލާފު ގޮތަކަށް ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ.
ގާނޫނުލް އުގޫބާތުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ގިނަވެގެން ތިން އަހަރަށް ޖަލަށް ލުން ނުވަތަ އަރުވާލުން، ނުވަތަ 2،000ރ. އަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުން ކަމަށެވެ.
އެ މައްސަލައިގެ ޝަރީއަތް ފަށާނެ ދުވަހެއް ޖުޑީޝަރީއިން އަދި އަންގާފައި ނުވެއެވެ. ނަމަވެސް އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދާނީ ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ކަމަށް ޖުޑީޝަރީން ވަނީ ބުނެފަ އެވެ.