26 Sep 2012, 11:30
ގައުމީ އެއިޓް ބޯލްސް ޗެންޕިއަންޝިޕް 2012 ފައިނަލްގެ ދެ ވަނަ ޖާގަ ހުސެން ފަޔާޒް ކަށަވަރުކޮށްފި އެވެ.
ބައްތިރީސް ކުޅުންތެރިންނާ އެކު، މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މުބާރާތުގ ފައިނަލުން ފަޔާޒް ޖާގަ ހޯދީ ސެމީ ފައިނަލްގައި އަލީ ފަޔާޒާއި ބައްދަލުކޮށް އަށް ފުރޭމް ހަތަރު ފުރޭމުން މެޗް ކާމިޔާބު ކޮށްގެންނެވެ.
މިމުބާރާތުގެ ފައިނަލް މެޗް މިރޭ 9:00 ޖަހާއިރު ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލްގައި ފަޔާޒްއާ ދެކޮޅަށް ނިކުންނާނީ ފައިނަލްގެ ފުރަތަމަ ޖާގަ ހޯދި އިބްރާހިމް ޝަރީފެވެ. ފައިނަލް މެޗް ކުޅޭނީ ގަލޮޅުގައި ހުންނަ މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ކުލަބް ހައުސްގަ އެވެ.
މިމުބާރާތުގެ ތިން ވަނައަށް ހޮވުނު ކުޅުންތެރިޔަކީ އަލީ ފަޔާޒެވެ.
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓަރީ އިސްމާއިލް ސުވެއިދު ބުނީ، މި މަހުގެ 20 އިން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ތެރޭގައި ގައުމީ ރޭންކިންގައި އެކަކުން 16 އަށް ހިމެނޭ ހުރިހާ ކުޅުންތެރިން ވެސް ވާދަކުރާ ކަމަށެވެ. އަދި މި މުބާރާތުގައި ވާދަކުރަނީ ސޯޅަ އަހަރުން މަތީގެ ކުޅުންތެރިން ކަމަށް ވެސް އޭނާ ބުންޏެވެ.
ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ އެއިޓް ބޯލްސް ޗެންޕިއަންޝިޕް ކުޅެވެނީ ޖުމްލަ 32 ކުޅުންތެރިންގެ މައްޗަށް ޑަބަލް އެލިމިނޭޝަންގެ އުސޫލުންނެވެ.