އަށް ވިކެޓުން ކުލަބް މެޑްބަލިކޮށް، ފަސް ވަނަ ރިސޯޓް ކުރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ފަސް ވަނަ ފަހަރަށް މީރު އައިލެންޑް ރެސޯޓުން ކާމިޔާބު ކޮށްފި އެވެ.

މާލޭ ކުޅިވަރު އެކުވެނީގެ ކުރިކެޓް ދަނޑުގައި އިއްޔެ ކުޅުނު ފައިނަލް މެޗުގައި ޓޮސް ދިމާވެގެން ކުލަބް މެޑް ކުޅެންއަރާ އަށް އޯވަރުގެ ތެރޭގައި ތިން ކުޅުންތެރިން ނުބައިވެގެން 55 ލަނޑު ހެދިއެވެ. އަދި ޖަވާބުގައި މީރު އައިލެންޑް ރެސޯޓް ކުޅެންއަރާ އެންމެ ކުޅުންތެރިއެއް ވެސް ނުބައިނުވެ 58 ލަނޑު ހެދިއެވެ.

މެޗުގައި އެންމެ ރަނގަލަށް ކުޅުނީ ނުބައިނުވެ 30 ލަނޑު ހެދި މީރު އައިލެންޑް ރެސޯޓުގެ ކެޕްޓަން ސަލީމެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ އެކިއެކި ވަނަތަކަށް އާ ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ބައްސަވާދެއްވީ ކުރިކެޓް ބޯޑުގެ ޖެނެރަލް ސެކެރެޓަރީ އަލީ ނިޔާޒެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ހެދީ ތިން މެޗުގައި ޖުމްލަ 70 ލަނޑުހެދި މީރު އައިލެންޑް ރެސޯޓުގެ ސަލީމެވެ. އަދި އެންމެ ގިނަ ވިކެޓްނެގީވެސް މީރު އައިލެންޑް ރެސޯޓުގެ ޕްރަސާނާއެވެ. އެގޮތުން ޕްރަސާނާ ވަނީ އޭނާ ކުޅުނު ތިން މެޗުން ވެސް ހަތަރު ވިކެޓް ނަގާފައެވެ.