ގާނޫނަށް ބޯލަނބާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށްހިތާ މުޖްތަމައެއް ބިނާކުރުމަށް ސަރުކާރުން އިސްކަމެއްދޭ ނަމަ ސަރުކާރުގެ މީޑިޔާތައް މެދުވެރިކޮށް ރާއްޖޭގެ އިޖްތިމާޢީ ދުޅަހެޔޮ ކަމަށް މުހިންމު ގާނޫންތަކާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގީސް ކަމަށް  ޑީއާރުޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.


ޑީއާރުޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ތަސްމީން ވިދާޅުވެފައި ވަނީ ސަރުކާރުގެ މީޑިޔާތަކަކީ އެމްޑީޕީ ކުރިއަރުވާ ޕްރޮޕަގެންޑާ މެޝިންތަކަކަށް ހެދުމުގެ ބަދަލުގައި ރައްޔިތުންނަށް މަންފާކުރާނޭ ޕްރޮގްރާމްތައް ގެނެސްދޭ ވަސީލަތަކަށް ހެދުން މާރަނގަޅުވާނެ ކަމަށެވެ. އަދި 31 އޮގަސްޓްގައި ނިމުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި 15 ގާނޫނެއް ފާސްކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ރާއްޖޭގެ އިޖްތިމާޢީ ދުޅަހެޔޮ ކަމަށް ވަރަށް މުހިންމު ގާނޫންތަކެއް ހިމެނޭ ކަމަށް ވެސް ތަސްމީން ވިދާޅުވެފައިވެ އެވެ.


ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމާ ސީދާގުޅުންހުރި ގާނޫންތައް މަޖިލީހުން ފާސްކުރައްވާ، ތަސްދީޤް ކުރައްވާ ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރައްވާފައިވާ އިރު މިގާނޫންތަކުން ރައްޔިތުންނަށް ކުރާނޭ ސީދާ އަސަރުތައް ގިނަ ފަރާތްތަކަކަށް އެނގިފައިނެތުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ތަސްމީން ވިދާޅުވެފައިވެ އެވެ. އަދި މިފަދަ ގާނޫނަތަކާ ގުޅޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި ނަމަވެސް ޤާނޫނުތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމުގައި މި ސަރުކާރު އިހުމާލުވެފައިވާ ކަމަށް ދެކެވަޑައިގެންނަވާ ކަމަށްވެސް އެބަޔާނުގައި ތަސްމީން ވިދާޅުވެފައިވެ އެވެ.


"ރައްޔިތުންނަށް ފުރިހަމައަށް މަޢްލޫމާތު ލިބި، އެ ގާނޫންތަކާ ގުޅޭގޮތުން އާއްމުން ހޭލުންތެރިވާން ޖެހޭ ތިން ބިލެއް މިފަހަކަށް އައިސް ގެޒެޓްކުރެވި ޤާނޫނަކަށްވެފައި، އެ ތިން ބިލަކީ 3 އޮގަސްޓްގައި ތަސްދީގްކުރެއްވި "ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ބިލް" އާއި 5 އޮގްސްޓް ގައި ތަސްދީޤްކުރެއްވި "ބިރުދެއްކުމާ ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރާ ބިލް"، އަދި އެ ދުވަހު ތަސްދީޤްކުރެއްވި "ގޭންގް ކުށްތައް މަނާކުރުމާ ބެހޭ ބިލް" ކަމަށް ޑީއާރުޕީގެ އެބާނުގައިވެ އެވެ. އަދި އެ ތިން ޤާނޫނުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ މުޖްތަމަޢުއިން ކުށްމަދުކުރުމާއި އިޖްތިމާއީ ދުޅަހެޔޮކަން އިތުރުކުރުން ކަމަށް ވެސް އެބަނާނުގައި ތަސްމީން ވިދާޅުވެފައިވެ އެވެ.


ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅުންހުރި މިފަދަ ޤާނޫންތަކެއް މިހާރު ވުޖޫދަށް އައިސްފައިވުމާއެކު ވެސް މި ގާނޫންތަކާ ގުޅޭ ގޮތުން އާޢްމުން ހޭލުންތެރިކުރުވުމަށް ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށާއި މިގާނޫންތަކާއި އެގާނޫތަކުގައި ބުނާ އެއްޗެއް ޢާއްމުންނަށް ރަނގަޅަށް ސާފުނުވެ އޮތުމުގެ ނަތީޖާއެއްގެ ގޮތުން ނުޙައްޤު ގޮތުގައި ބަޔަކަށް އަދަބެއް ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ތަސްމީން ވަނީ ވިދާޅުވެފަ އެވެ. އެއީ ގާނޫން ނޭނގުމަކީ ކުށުން ބަރީއަވާ ކަމަކަށް ނުވާތީ ކަމަށްވެސް އޭނާ ވިދާޅުވެފައިވެ އެވެ.