26 Sep 2012, 09:40
ފެލިވަރު ފިޝަރީޒް މޯލްޑިވްސްގެ ޗެއާމަން މުހައްމަދު އިމްތިޔާޒު (އިންތި) ވެސް ކޮރަޕްޝަނުގެ މައްސަލަތަކެއްގެ ތުހުމަތުގައި މަގާމުން ވަކިކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އައްބާސް އާދިލް ރިޒާ މިއަދު ވިދާޅުވީ އިންތި ޗެއާމަން ކަމުން އިއްޔެ ވަކިކުރެއްވީ ކޮރަޕްޝަންގެ މައްސަތަލަތަކެއް ފެންމަތިވުމާ ގުޅިގެން ކަމަށާއި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ތެރޭގައި ނުވެސް އުފައްދާ ކުންފުންޏެއްގެ ނަމުގައި މަސްދަޅުތަކެއް ކްރެޑިޓަށް ދޫކޮށްފައިވާ މައްސަލައެއް ވެސް ހިމެނޭ ކަމަށެވެ.
އިންތިގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ބުނެފަ އެވެ. އޭސީސީ އިން ބުނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަކީ އޭނާގެ އަމިއްލަ ފިހާރަ އަށް މަސްދަޅު ކޭސްތަކެއް ކުރެޑިޓަށް ނެގި ކަމުގެ ތުހުމަތު ކަމަށެވެ.
މިވަގުތު ދުބާއީގައި ހުންނެވި އިންތި ސަން އަށް ފޯނުން ވިދާޅުވީ އޭނާ މަގާމުން ވަކި ކުރެއްވިކަން އަދި އެނގިވަޑައިގެންފައިނުވާ ކަމަށާއި އަދި މަގާމުން ވަކި ކުރަން ޖެހޭ ފަދަ ކޮރަޕްޝަނުގެ އަމަލެއް ހިންގަވާފައި ވެސް ނުވާނެ ކަމަށެވެ.
އިންތި އަކީ ޖުމްހޫރީ ޕާޓީގެ ރަޖިސްޓްރާ ޖެނެރަލް އެވެ. އޭނާ ފެލިވަރު ފިޝަރީޒު މޯލްޑިވްސްގެ ޗެއާމަން ކަމަށް އައްޔަން ކުރައްވާފައި ވަނީ އެ ޕާޓީ އިން ނޮމިނޭޓްކޮށްގެނެވެ.
ގައުމީ މަސްކުންފުނި، މިފްކޯގެ މެނޭޖިން ޑިރެކްޓަރާއި އެ ބޯޑުގެ އިތުރު ދެ މެންބަރަކު ވެސް ހިޔާނާތުގެ މައްސަލަ އަކަށް ތުހުމަތުކޮށް، މިދިޔަ އާދިއްތަ ދުވަހު ވަނީ ވަކިކޮށްފަ އެވެ.