ރ. އިފުރުގައި ހިންގާ ޑޮމެސްޓިކް އެއާޕޯޓުގެ ރަންވޭގެ މަސައްކަތެއް ކުރާތީ، އެ އެއާޕޯޓުން ކުރާ ދަތުރުތައް މެދުކަނޑާލައިފިއެވެ.

މޯލްޑިވިއަންއިން ބުނީ، އިފުރު އެއާޕޯޓުގެ ރަންވޭގައި ކޮންމެހެން ކުރަން ޖެހޭ މެއިންޓެނެންސް މަސައްކަތެއް ކުރުމަށް، އެއާޕޯޓް މިއަދު 16:00ގައި ބަންދުކޮށްފައިވާ ކަމަށެވެ. އެ މަސައްކަތަށް ފަހު ދަތުރުތައް އަލުން ފަށާނީ ފަތިހު 5:00ގައި ކަމަށް ގައުމީ އެއާލައިނުން ވަނީ ބުނެފައެވެ.

މޯލްޑިވިއަންއިން ވަނީ ދަތުރުތައް މެދުކަނޑާލައިފައިވާ މުއްދަތުގައި ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ. އަދި ދަތުރުތައް މެދުކަނޑާލާ ވަގުތުތަކުގައި ދަތުރުކުރުމަށް މީގެ ކުރިން ހަމަޖެހިފައިވާ މީހުންނަށް އެހެން އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެއާލައިނުން ވަނީ ބުނެފައެވެ.

މޯލްޑިވިއަންއިން ވަނީ އެކަމާ ގުޅުން ހުރި އެއްވެސް އެހީއެއް ބޭނުންވާނަމަ، އެ އެއާލައިނުގެ ކޯލް ސެންޓަރު 1671އަށް ގުޅުމަށް އެދިފައެވެ.

ރާއްޖޭގެ އުތުރުގައި އޮތް އެންމެ ހިތްގައިމު އެއް އެއާޕޯޓުގެ ގޮތުގައި އިފުރު އެއާޕޯޓު ހުޅުވައިފައި ވަނީ މެއި 28، 2015ގައެވެ.