ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި: ދެން ރާއްޖެއިން އިންޑިއާއަށް ސިކުންތުކޮޅެއް ތެރޭ ފައިސާ ފޮނުވޭނެ
ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި: ދެން ރާއްޖެއިން އިންޑިއާއަށް ސިކުންތުކޮޅެއް ތެރޭ ފައިސާ ފޮނުވޭނެ

ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލައި، ސިކުންތުކޮޅެއްގެ ތެރޭގައި އިންޑިއާއަށް ފައިސާ ފޮނުވޭ ޚިދުމަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު އިފުތިތާޚްކޮށްފިއެވެ.

ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި: ދެން ރާއްޖެއިން އިންޑިއާއަށް ސިކުންތުކޮޅެއް ތެރޭ ފައިސާ ފޮނުވޭނެ
ފަވަރަ އާއި ޔޫޕީއައި ގުޅާލައިފި: ދެން ރާއްޖެއިން އިންޑިއާއަށް ސިކުންތުކޮޅެއް ތެރޭ ފައިސާ ފޮނުވޭނެ

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޖީ. ބާލަސުބްރަމާނިއަން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޚިދުމަތް ރާއްޖޭގައި ފަށާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ ގުޅިގެންނެވެ.

މި ދެ ބޭންކުގެ ކަސްޓަމަރުންނަށް މިހާރު އިތުރު އެޕްލިކޭޝަނެއް ބޭނުންކުރުމަކާ ނުލައި، އެ ބޭންކެއްގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި ބޭނުންކުރާ އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވޭނެއެވެ.

ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލުމުގެ ޚިދުމަތް އިފްތިތާޚްކުރުން... ފޮޓޯ/ އެމްއެމްއޭ

ފައިސާ ފޮނުވާ ފަރާތުން ދިވެހި ރުފިޔާ ނުވަތަ ޑޮލަރުން ފައިސާ ދެއްކުމުން، ލިބޭ ފަރާތުގެ އެކައުންޓަށް ފައިސާ ޖަމާވާނީ އިންޑިއާ ރުޕީސް (އައިއެންއާރް) އިންނެވެ.

މިއީ ރާއްޖޭގެ އަމިއްލަ ޕޭމަންޓް އިންފްރާސްޓްރަކްޗައެއް ބައިނަލްއަގްވާމީ ނިޒާމަކާ ގުޅާލެވުނު ފުރަތަމަ ފަހަރެވެ. މިއާއެކު، ދުނިޔޭގެ އެންމެ ބޮޑު އެއް ޑިޖިޓަލް ޕޭމަންޓް ނިޒާމު ކަމަށްވާ ޔޫޕީއައި އާ ގުޅާލެވުނު މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ވަނީ ހިމެނިފައެވެ.

މީގެ ކުރިން މިފަދަ ގުޅުމެއް ގާއިމުކޮށްފައިވަނީ ހަމައެކަނި ސިންގަޕޫރާއި ނޭޕާލުގައެވެ. އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި އިންޑިއާގެ އެންއައިޕީއެލް އާއެކު ހެދުނު އެއްބަސްވުމުގެ ދަށުން މިފަދަ ޚިދުމަތެއް މިހާ އަވަހަށް ފެށުނު ފުރަތަމަ ގައުމަކީވެސް ރާއްޖެއެވެ.

މި ޚިދުމަތް ފަށާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ ޕާސަން ޓު ޕާސަން (ޕީ2ޕީ) މުޢާމަލާތްތަކެވެ.

މިވަގުތު މި ޚިދުމަތް ބޭނުންކުރެވެނީ ރާއްޖެއިން އިންޑިއާއަށް ފައިސާ ފޮނުވުމަށެވެ. ބޭރު ފައިސާގެ ގަވާއިދާ އެއްގޮތަށް، ފައިސާ ފޮނުވޭނީ ތަޢުލީމީ ޚަރަދުތަކާއި، ބޭސްފަރުވާގެ ޚަރަދު އަދި އާއިލީ ޚަރަދުތަކަށެވެ. ކޮންމެ ކަސްޓަމަރަކަށްވެސް މަހަކު ފޮނުވޭނީ ގިނަވެގެން 24,000 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 250 ޑޮލަރު) އެވެ.

ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލުމުގެ ޚިދުމަތް އިފްތިތާޚްކުރުން... ފޮޓޯ/ އެމްއެމްއޭ

ފައިސާ ފޮނުވުމުގެ ކުރިން، ފައިސާ ލިބޭ ފަރާތުގެ އެކައުންޓްގެ ސައްހަކަން ޔޫޕީއައި މެދުވެރިކޮށް ކަށަވަރުކުރެވޭނެއެވެ. އަދި ފައިސާ ފޮނުވާ ފަރާތަށް ބޭނުންވާ އެކްސްޗޭންޖް ރޭޓާއި ބޭންކު ފީތައް އަދި ފައިސާ ލިބޭ ފަރާތުގެ ނަން ސިސްޓަމުން ފެންނަން ހުންނާނެއެވެ.

މިއީ ރާއްޖޭގެ ބޭންކް އެކައުންޓަކުން އެހެން އެކައުންޓަކަށް ފައިސާ ފޮނުވުން ފަދަ، ފަސޭހަ އަދި ރައްކާތެރި މުޢާމަލާތެއް ކަމަށް އެމްއެމްއޭއިން ބުނެއެވެ.

ކުރިއަށް އޮތް ފިޔަވަހިތަކުގައި ވިޔަފާރިތަކަށް ކިއުއާރް ކޯޑް މެދުވެރިކޮށް ފައިސާ ދެއްކޭނެ ޕާސަން ޓު މާޗަންޓް (ޕީ2އެމް) ނިޒާމު ތަޢާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވޭނެ ނިޒާމުގެ ޓެސްޓުތައްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެށޭނެއެވެ.

މިއީ ދުނިޔޭގެ ކުރިއަރާފައިވާ ޑިޖިޓަލް ޕޭމަންޓް ނިޒާމުތަކާ ރާއްޖެ ގުޅާލުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެމްއެމްއޭއިން ދެކެއެވެ.