25 Sep 2012, 23:21
އެސްޓީއޯއިން މާލޭގައި ސާވިސް ސެންޓަރެއް ހުޅުވައިފި އެވެ.
ހަވީރީ ހިނގުމުގައި ހުންނަ އެސްޓީއޯގެ ގުދަނެއްގައި މިއަދު ސާވިސް ސެންޓަރު ހުޅުއްވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދް އަލީ އެވެ.
ސާވިސް ސެންޓަރާއެކު އާފްޓާ ސޭލްސް ސާވިސް ހިދުމަތް އެސްޓީއޯގެ ކަސްޓަމަރުންނަށް ހިލޭ ފޯރުކޮށްދޭނެ އެވެ. އަދި އަތޮޅުތަކުގައި ހުންނަ އެސްޓީއޯ ފިހާރަތަކުގައި ވިއްކާ ހިޓާޗީ އާއި ފިލިޕްސް އަދި މަކިޓާ ބްރޭންޑްގެ މުދަލަށް ވެސް ސާވިސް ސެންޓަރުން ހިދުމަތް ދޭނެ އެވެ.
އެ ކުންފުނީގެވ އޮފިޝަލަކު ވިދާޅުވީ ސާވިސް ސެންޓަރާއެކު އެސްޓީއޯގެ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ އާފްޓާ ސޭލްސް ސާވިސް އިތުރަށް ފުޅާވެ ހިދުމަތް އަވަސްވެގެންދާ ކަމަށެވެ. އަދި ހިޓާޗީގެ މުޅިން އާ ވޮރަންޓީއެއް ތައާރަފުކޮށްފައިވާއިރު ހިޓާޗީ އޭސީ އަދި ރެފްރިޖެރޭޓަރަށްދޭ ވޮރަންޓީގެ މުއްދަތު އެއް އަހަރާއި ހަ މަސް ދުވަހަށް އިތުރުކޮށް ހިޓާޗީ އޭސީ އާއި ރެފްރިޖެރޭޓަރުގެ ކޮމްޕްރެޝަރުގެ ވޮރެންޓީ ފަސް އަހަރަށް އިތުރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ސާވިސް ސެންޓަރުގައި މަސައްކަތް ކުރަނީ ރާއްޖެ އާއި މެލޭޝިއާ އަދި ސިންގަޕޫރުގައި ތަޖުރިބާ ހޯދާފައިވާ ދިވެހިންނެވެ.