އުކާލާ ހިކި ކުނިން ތަކެތި އުފައްދަން ލޯފަން ކުދިންނަށް ދަސްކޮށްދޭ ވޯކްޝޮޕެއް މާލޭގައި ހިންގައިފި އެވެ.

ލޯފަން ކުދިންގެ ހައްގުތައް ހޯދައިދޭން މަސައްކަތްކުރާ ޖަމިއްޔާ އާއި އާޓްފުލް ޕްރައިވެޓް ލިމިޓެޑް ގުޅިގެން މިދިއަ އާދީއްތަ ދުވަހު ފެށި ވޯކްޝޮޕް މިއަދު ނިންމައިލި އިރު، ލޯފަން ހަ ކުއްޖަކު ވަނީ ވޯކްޝޮޕްގައި ހުނަރު ދަސްކޮށް ސެޓްފިކްޓް ހާސިލުކޮށްފަ އެވެ.

ވޯކްޝޮޕް ފުރިހަމަ ކުރި އަންހެން ކުއްޖަކާއި ފަސް ފިރިހެން ކުދިންނަށް މިއަދު ސެޓްފިކެޓް ހަވާލުކޮށް ދެއްވީ އާޓްފުލް ޕްރައިވެޓް ލިމިޓެޑްގެ ޗެއާ ޕާސަން އަދި ވޯކްޝޮޕްގެ ޓްރެއިނާ ހަލީމާ އަބްދުލް ޤަފޫރު (ފާލިން) އެވެ.

ލޯފަން ކުދިންގެ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރާ ޖަމިއްޔާއިން ބުނީ ވޯކްޝޮޕްގައި ތަމްރީނު ހޯދި ހަ ކުދިންނަކީ ވެސް މިވަގުތު މާލޭގައި ތިބި ކުދިން ކަމަށާއި ވޯކްޝޮޕްގައި އެކުދިން ބައިވެރިވެ، ކުނިބުނީގެ ހިކި ސާމާނު ބޭނުން ކޮށްގެން ތަކެތި އުފައްދާނެ ގޮތުގެ ހުނަރު ހޯދި ކަމަށެވެ.

ލޯފަން ކުދިންގެ ޖަމިއްޔާ އިން ބުނީ ކުރިމަގުގައި ވެސް އެފަދަ ސިލްސިލާ ވޯކްޝޮޕްތައް ބާއްވާނެ ކަމަށެވެ.

އެ ޖަމިއްޔާގެ ރައީސް މުހައްމަދު މާޒިން ވިދާޅުވި ގޮތުގައި ލޯފަން ކުދިން ނަކީ ވަރަށް ހުނަރުވެރި، އަވަހަށް ކަންކަން ދެނެގަތުމުގެ ޤާބިލް ކަން ހުރި ބައެއް ކަން ވޯކް ޝޮޕުން އެނގުނެވެ. ކުރިއަށް އޮތް ތާނގައި ވޯކްޝޮޕް ބޭއްވުމުގެ އިތުރުން ލޯފަން ކުދިން އުފައްދާ ތަކެތި މާކެޓްކޮށް ސްވެނިއާ ފިހާރަތަކަށް ފޮނުވަން މަސައްކަތް ކުރާނެ ކަމަށެވެ.

އާޓްފުލްގެ ފަރާތުން ޗެއާޕާސަން ހަލީމާ ވެސް ވިދާޅުވީ ލޯފަން ކުދިން އުފައްދާ ތަކެތި މާކެޓްކޮށްދޭން މަސައްކަތް ކުރާނެ ކަމަށާއި، އެތަކެއްޗަށް މާކެޓް ލިބޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ. ލޯފަންކުދިން ރާއްޖޭގައި ވަރަށް ބޮޑަށް އެއްފަރާތްވެފައި ތިބޭ ބައެއްގެ ގޮތުގައި ފެންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ލޯފަން ކުދިންގެ ހައްގުތައް ހޯދައިދޭން މަސައްކަތް ކުރާ ޖަމިއްޔާއިގައި 54 ކުދިން ރަޖިސްޓްރީ ވެފައި ތިބެ އެވެ.