އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް 2022 ވަނަ އަހަރު ވަޅިން ހަމަލާދިން އުމުރުން 28 އަހަރުގެ ހާދީ މަތާރުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެއެވެ.

ނިއުޔޯކްގެ ފެޑެރަލް ކޯޓުގައި އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ، އެމެރިކާއާއި އިނގިރޭސިވިލާތް ހިމެނޭ ގޮތަށް ގިނަ ގައުމުތަކަކުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ލުބުނާނުގެ ހަތިޔާރުއެޅި ފެކްޝަން ކަމަށްވާ ހިޒްބުﷲ އަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުށެވެ.

ނިއުޔޯކްގެ ބަފަލޯ ސިޓީގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނި ގޮތުގައި، މަތާރަށް މި ހަމަލާ ދިނުމަށް ހިތްވަރު ލިބުނީ 2006 ވަނަ އަހަރު ހިޒްބުﷲގެ އޭރުގެ ލީޑަރު ދެއްވި ތަގުރީރަކުންނެވެ. އެ ތަގުރީރުގައި ވަނީ ސަލްމާނާ ދެކޮޅަށް ނެރެފައިވާ ފަތުވާ ތަންފީޒުކުރުމަށް ގޮވާލާފައެވެ. އަދި އޭނާ މި ހަމަލާ ދިނުމަށް ދެ އަހަރު ވަންދެން ރޭވި ކަމަށް ވެސް ޕީޖީން ބުނެފައިވެއެވެ.

ޝަރީއަތް ނިންމުމުގެ ބަޔާނުގައި އެމެރިކާގެ އެސިސްޓެންޓް އެޓާނީ ޓިމޮތީ ލިންޗް ވިދާޅުވި ގޮތުގައި، ދައުވާ ލިބޭ މީހާ ނިންމީ އެއްވެސް މީހަކު އެކަން ނުކުރާނެ ކަމަށެވެ. "އެހެންވެ އޭނާ އެކަން ކުރަން ޖެހުނީ،" ލިންޗް ވިދާޅުވެފައިވެއެވެ.

ވަޅިން ހަމަލާދިން ކަމުގެ ތުހުމަތުގައި މަތާރު މިހާރު ވެސް އަންނަނީ 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. ސަލްމާން މަރާލަން އުޅުމުގެ ކުށުގައި އޭނާއަށް އިއްވާފައި ވަނީ މީހަކު މަރާލަން އުޅުމުން އިއްވާ އެންމެ ބޮޑު ހުކުމެވެ. މީގެ އިތުރުން، ހަމަލާދިން ވަގުތު ސަލްމާނާ އިންޓަވިއު ކުރަމުންދިޔަ ހެންރީ ރީސްއަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައިގައި ވެސް އޭނާގެ މައްޗަށް ވަނީ މާރާމާރީގެ ކުށް ސާބިތުވެފައެވެ. އެ ކުށާ ގުޅިގެން އޭނާގެ ޖަލު ހުކުމަށް އިތުރު ހަތް އަހަރު ވަނީ އިތުރުކޮށްފައެވެ.

އެމެރިކާއާއި އިނގިރޭސިވިލާތުގެ ރަށްވެހިކަން އޮންނަ އުމުރުން 76 އަހަރުގެ ސަލްމާނަށް ހަމަލާދިނީ ނިއުޔޯކްގެ ޝަޓަކްވާ އިންސްޓިޓިއުޓްގައި އޮތް އަދަބީ އިވެންޓެއްގެ ޕެނެލް ޑިސްކަޝަނެއްގައި ތަގުރީރުކުރަން އުޅެނިކޮށެވެ. މި ހަމަލާގައި މަތާރު ވަނީ ސަލްމާންގެ ކޯތާފަތާއި، މޭމައްޗާއި، ލޮލާއި، ކަރާއި ފަލަމަސްގަނޑު ހިމެނޭ ގޮތަށް ޖުމްލަ 15 ފަހަރު ވަޅި ހަރާފައެވެ. މި ހަމަލާގައި ސަލްމާންގެ ފުރާނަ ވަނީ ސަލާމަތް ވެފައެވެ.

އިސްލާމްދީނާ ދެކޮޅަށް އެތައް ލިޔުމެއް ލިޔެފައިވާ ސަލްމާން 1988 ވަނަ އަހަރު ނެރުނު “ދަ ސެޓޭނިކް ވާސެސް” ފޮތާ ގުޅިގެން އޭނާއަކީ މަރާލަން ޖެހޭ މީހެއް ކަމަށް ކަނޑައަޅައި، އީރާންގެ ކުރީގެ ރޫހީ ލީޑަރު އާޔަތުﷲ ޚާމަނާއީ ވަނީ 1989 ވަނަ އަހަރު ފަތުވާއެއް ނެރެފައެވެ.