އެއާޕޯޓް އިންޑިއާގެ ޖީއެމްއާރާ ހަވާލު ކުރި އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ނޫން ކަމަށާއި އެއާޕޯޓް އަނބުރާ ހޯދާނަމަ ބަދަލުގައި ޖީއެމްއާރަށް ދޭންޖެހޭނެ ކަމަށް ލަފާކޮށްފައިވާ އަދަދަށް ފައިސާ ދޭން ނުޖެހޭނެ ކަމަށް ސިންގަޕޫރުގެ ލޯފާމަކުން ލަފައެއް ދިން ކަމަށް އިއްތިހާދުވެފައިވާ ޕާޓީތަކުން ބުނެފި އެވެ.

އެއާޕޯޓް އެގްރިމެންޓް ބާތިލު ކުރާނަމަ ބަދަލުގެ ގޮތުގައި ޖީއެމްއާރަށް ދައްކަންޖެހޭ އަދަދު 700 މިލިޔަން ޑޮލަރާ ގާތް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

"ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ހޯދުމަށް ފަށާ ރައްޔިތުންގެ ގައުމީ ހަރަކާތް" އިއުލާނު ކުރަން މިއަދު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު ފުއާދު ގާސިމް (ފޯޑު) ވިދާޅުވީ އެއާޕޯޓް ނަގާނަމަ ޖީއެމްއާރަށް ދޭންޖެހޭ އަދަދަކީ 700 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ލަފާކުރި ނަމަވެސް އެއީ ސައްހަ އަދަދެއް ނޫން ކަމަށް ސިންގަޕޫރުގެ ލޯފާމަކުން ލަފާދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެއާޕޯޓްގެ ބަދަލަށް 700 މިލިއަން ޑޮލަރު ދޭން ޖެހޭނީ ޖީއެމްއާރާއި އެމްއޭސީއެލްއާ ދިވެހި ސަރުކާރުން ގެރެންޓީ ދީފައިވާ އެއްބަސްވުން ސައްހަ ވާނަމަ ކަމަށާއި ޖީއެމްއާރާއެކު ހަދާފައިވާ އެއްބަސްވުމަކީ ސައްހަ އެއްބަސްވުމެއް ނޫން ކަމަށް އިއްތިހާދުވާ ޕާޓީތަކުން ދެކޭ ކަމަށެވެ.

"700 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ދޭން ޖެހޭނެ ކަމަށް މިވަނީ އެއީ ސައްހަ އެގްރިމެންޓަކަށްވެ، އެ ގްރިމެންޓް ސައްހަ އެގްރިމެންޓަކަށް ވިޔަސް ރައްޔިތުން އެގްރިމެންޓް ބާތިލް ކުރަން ބޭނުންވެއްޖެ ހިނދެއްކައި ކަމަށް އެކަމުގެ އިލްމުވެރިން މި ވިދާޅުވަނީ. އެހެންމަވެސް އަޅުގަނޑުމެނެއް ގަބޫލެއް ނުކުރަން އެއީ ސައްހަ އެގްރިމެންޓެއް ކަމަށް ވެސް. އޭގެ ޒާތުގައި އެގްރިމެންޓެއް ނެތި ޖީއެމްއާރާ އެއާޕޯޓް ހަވާލު ކުރެވިފައި އެއޮތީ،" ފޯޑް ވިދާޅުވި އެވެ.

ސިންގަޕޫރުގެ ލޯފާމްގެ ލަފައާބެހޭ ގޮތުން ފޯޑް ވިދާޅުވީ 700 މިލިއަން ޑޮލަރުގެ ދެ ބައިކުޅަށް އެއްބަޔަށްވާ ފައިސާ ދިނުމަށް ލަފާ ދީފައިވާ ކަމަށް އިތުބާރު ހުރި ގޮތަކަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.

"ސިންގަޕޫރުގެ ލޯފާމަކުން ލޯޔަރުންގެ ޓީމެއް ވަޑައިގެން އަގުކޮށްފައި ވަނީ ގާތްގަޑަކަށް 300 އާއި 400 މިލިއަނާ ދެމެދުގެ ޑޮލަރެކޭ. އެއީ މިހާރު މިއުޅޭ 700 މިލިއަން ޑޮލަރުގެ ދެބައި ކުޅަށް އެއްބައި ވަރުގެ އަގެއްގެ ވާހަކަ ސިންގަޕޫރުގެ ލޯފާމުގެ ބޭފުޅުން ވިދާޅުވެފަ އޮތް ކަމަށް ވަރަށް އިތުބާރު ހުރި ގޮތެއްގައި އެނގިފައި އޮތީ،" ފޯޑް ވިދާޅުވި އެވެ.

އެއާޕޯޓް އަތުލުމުގެ ބަދަލަށް ޖެހޭ އަގުގެ ވާހަކަ އިއްތިހާދުގެ ޕާޓީގެ ޕްރެސް ކޮންފަރެންސްގައި ދައްކާފައިވާއިރު، ޖުމްހޫރީ ޕާޓީން ބޭއްވި އާންމު ބައްދަލުވުމެއްގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ އެއާޕޯޓްގެ ބަދަލުގެ ގޮތުގައި 700 މިލިއަން ޑޮލަރު ދައްކައިގެން ވެސް އެ އެއާޕޯޓު އަނބުރާ ހޯދުމުގެ ފައިދާ "ހާސް ގުނަ" ބޮޑު ކަމަށެވެ.