25 Sep 2012, 20:37
ހިއުމަން ޓްރެފިކިން ހުއްޓުވުމުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ފުރުސަތު އިންޑިއާއިން ސާކް ގައުމުތަކަށް ހުޅުވާލަން އެއްބަސްވެފައިވާ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ބަނޑޮސް އައިލެންޑް ރިޒޯޓްގައި މިއަދު ބޭއްވި އިންޓީރިއާ ހޯމް ސެކްރެޓަރީންގެ ފަސް ވަނަ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީ މަރިޔަމް ވަހީދާ ވިދާޅުވީ ސާކް ގައުމުތަކުގެ މީހުން ތަމްރީނު ކޮށްދިނުމަށް އިންޑިއާއިން ހުޅުވައިލީ އަންހެނުންނާ ކުޑަކުދިން ޓްރެފިކް ކުރުން ހުއްޓުވުމާއި ފުލުހުންގެ ދާއިރާއިން ކަމަށެވެ.
"އަންހެނުންނާއި ކުޑަކުދިން ޓްރެފިކް ކުރުން ހުއްޓުވުމުގެ ދާއިރާއިން ހުރިހާ ގައުމުތަކަށް ވެސް ޓްރޭނިން ދިނުމަށް އިންޑިއާއިން ތައްޔާރުވަމުން މިދަނީ،" މަރިޔަމް ވަހީދާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތަމްރީނުތަކަށް ފޮނުވާނެ މީހުންގެ ނަންތައް ސާކް ސެކްރެޓޭރިއަޓަށް ހުށައެޅުމުން ތަމްރީނުތައް އޮންނާނެ ތާރީހެއް އިންޑިއާއިން ދޭނެ ކަމަށެވެ. ނަމަވެސް އިންޑިއާއިން ހުޅުވާލާފައި ވަނީ ކިިތައް މީހުން ތަމްރީ ނުކުރުމަށް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
ސައިބަ ކްރައިމްއާ ބެހޭ ކޮންސެޕްޓް ޕޭޕަރެއް މިއަދުގެ ބައްދަލުވުމަށް ރާއްޖޭން ހުށައެޅި ކަމަށާއި އެހެން ނަމަވެސް އެ ކަރުދާހާމެދު ގައުމުތަކުން ދެކޭ ގޮތް ހާމަކުރަން ހަމަޖެހިފައި ވަނީ އެ ގައުމުތަކުގައި މަޝްވަރާ ކުރުމަށް ފަހު އަންނަ ނޮވްމަބަރު މަހުގެ 30 ވަނަ ދުވަހު ކަަށް ވެސް ވިދާޅުވި އެވެ.
މިއަދުގެ ބައްދަލުވުމުގައި މިދިޔަ އަހަރުގެ ޖުލައިމަހު ބޫޓާނުގެ ވެރިރަށް ތިމްޕޫގައި ބޭއްވި ސާކް އިންޓީރިއާ ހޯމް ސެކްރެޓަރީންގެ ހަތަރުވަނަ ބައްދަލުވުމުގެ ނިންމުންތަކަށް އަމަލުކުރެވިފައިވާ މިންވަރު ދެނެގަތުން އޮތެވެ. އަދި މިއަހަރުގެ މޭމަހު އިންޑިއާގައި ބޭއްވި ކޮންފަރެންސް އޮން ކޯޕަރޭޝަން އޮން ޕޮލިސް މެޓާސްގެ 10 ވަނަ ބައްދަލުވުމުގެ ރިޕޯޓާއި ކޮރަޕްޝަން ނައްތާލުމަށް މެމްބަރު ގައުމުތަކުގައި ކުރާ މަސައްކަތްތައް ވެސް އޭގެ ތެރޭގައި ހިމެނުނެވެ.