25 Sep 2012, 20:16
ކ. ގާފަރުގައި އަޅާ މިސްކިތުގެ މަސައްކަތް 4.2 މިލިޔަން ރުފިޔާއަށް ޕްރޮޕް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.
ގާފަރު މިސްކިތުގެ މަސައްކަތް ޕްރޮޕް ކުންފުންޏާ ހަވާލު ކުރީ މިސްކިތް އަޅަން ކުރިން ހެދި ކޮންޓްރެކްޓް، ތަފާތު ސަބަބުތަކާހުރެ ބާތިލް ކުރުމަށް ފަހު އަލުން ބީލަމަށް ލައިގެނެވެ.
ހަތް ސަތޭކައަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ މިސްކިތް އެޅުމުގެ އެއްބަސްވުމުގައި މިއަދު ހައުސިން މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ޒިޔާދެވެ. ޕްރޮޕް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިސް އޮފިޝަލެއް ކަމަށްވާ އަލީ އަހުމަދު ނަސީރު އެވެ.
މިއަދު ސޮއިކުރި އެއްބަސްވުމުގެ ދަށުން 325 ދުވަސް ތެރޭގައި މިސްކިތުގެ މަސައްކަތް ނިންމަން ޖެހެ އެވެ.
ގާފަރު މިސްކިތަކީ މިދިއަ އަހަރު އެ ރަށުގައި އަޅަން ހަމަޖެހުނު މިސްކިތެކެވެ. ނަމަވެސް އޭރު މަސައްކަތް ހަވާލު ކުރި ފަރާތުން އެކަށީގެންވާ ގޮތުގައި ކޮންޓްރެކްޓާ އެއްގޮތަށް މަސައްކަތް ނުކުރުމުން އެ ކޮންޓްރެކްޓް ބާތިކޮށް މިސްކިތުގެ މަސައްކަތް މިހާތަނަށް މަޑުޖެހިފައި އޮތީ އެވެ.
"[މިސްކިތުގެ] މަސައްކަތް [އޭރު] ނިންމަން ހަމަ ޖެހިފަ އޮތީ މި އަހަރުގެ ފަހު ކޮޅުގައި. ނަމަވެސް ކަން ދިމާވި ގޮތަކީ މިސްކިތް އަޅާ ސަރަހައްދުގައި ގަބުރު ހުރި ކަމަށް ވާހަކަ ދެކެވިގެން އެތަން ކޮނެގެން ޗެކް ކުރަން ވަގުތު ތަކެއް ދިއުމާއި، ކޮންޓްރެކްޓަރަށް އެ ސައިޓްގައި އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެވިގެން އެއްބަސް ވެފަ ވާ ގޮތުގެ މަތިން އެ ކޮންޓްރެކްޓް ބާތިލް ކޮށް އަލުން ރީ ޓެންޑާ ކޮށްގެން މި ފަހަރު ޕްރޮޕް އާ މި ހަވާލު ކުރީ،" އެ އޮފިޝަލު ވިދާޅުވި އެވެ.