25 Sep 2012, 19:54
އިންޑިއާއިން ރާއްޖޭގައި ބިނާ ކޮށްދިނުމަށް އެއްބަސްވެފައިވާ ޕޮލިސް އެކަޑަމީ އެޅުމުގެ އެއްބަސްވުމުގައި މާދަމާ ސޮއިކުރާނެ ކަމަށް އިންޑިއާގެ ހޯމް މިނިސްޓަރު ސުޝިލް ކުމާރު ޝެންޑީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލާއެކު ބަނޑޮސް އައިލެންޑް ރިޒޯޓްގައި މިއަދު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އިންޑިއާގެ ހޯމް މިނިސްޓަރު ސުޝިލް ކުމާރު ވިދާޅުވީ ގިނަ ދުވަސްތަކެއް ވެފައިވާ ޕޮލިސް އެކަޑަމީ ބިނާކުރުމުގެ އެމްއޯޔޫގައި މާދަމާ ސޮއިކުރާނެ ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
ދިވެހިސަރުކާރާ އިންޑިއާ ސަރުކާރާ ދެމެދު ކުރިން އެއްބަސްވެފައި ވަނީ އިންޑިއާއިން ޅ. ދިއްފުށިމާދޫގައި ޕޮލިސް އެކަޑަމީއެއް ގާއިމް ކޮށްދިނުމަށެވެ.
މިއަދުގެ ބައްދަލުުވުމަށް ފަހު ވާހަކަ ދައްކަވަމުން ޖަމީލު ވިދާޅުވީ ޕޮލިސް އެކަޑަމީގެ އިމާރާތާރި އެތަނަށް ބޭނުންވާ ހުރިހާ ވަސީލަތެއް ދޭނީ އިންޑިއާއިން ކަމަށެވެ. އަދި ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހު އަށް ވަނަ ދުވަހު އަންދާލި ފުލުހުންގެ ވެހިކަލްތަކުގެ ބަދަލުގައި އާ ވެހިކަލްތަކެއް ދޭން ވެސް އިންޑިއާއިން އެއްބަސްވި ކަމަށެވެ.
ދެ މިނިސްޓަރުން މަޝްވަރާކުރެއްވި އެެހެން ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ޖަލުތައް ރަނގަޅު ކުރުމާއި ފުލުހުން ތަމްރީނު ކުރުމާއި ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމާއި ދީނީގޮތުން ހައްދުފަހަނައަޅައި ދިއުން ނައްތާލުން ހިމެނެއެވެ.
އިންޑިއާގެ ހޯމް މިނިސްޓަރު ރާއްޖެ ވަޑައިގެން އުޅުއްވަނީ މާދަމާ ބަނޑޮހުގައި ފެށޭ ސާކްގެ ހޯމް އިންޓީރިއާ މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެޑައިގެންނެވުމަށެވެ.