07 Sep 2010, 08:44
އުމުރުން 24 އަހަރުގެ އެޑްވަޑް ނިނޯ ހޭނަންޑޭޒް އަކީ އުމުރުގެ ގޮތުން އެހެން މީހުންނާ ތަފާތު މީހެއް ނޫނެވެ. އޭނާ ވެސް ވަޒީފާ އަދާކުރެ އެވެ. ރައްޓެހިންނާ އެކު މަޖާކޮށް، އާއިލާ އަށް އެހީވެ އެވެ. ނަމަވެސް އެހެން މީހުންނާ އެޑްވަޑާ ހުރި ތަފާތަކީ، އޭނާގެ އިސްކޮޅެވެ. އެޑްވަޑުގެ އިސްކޮޅުގައި ހުންނަނީ އެންމެ 70 ސެންޓިމީޓަރެވެ. ނަމަވެސް، ކުޑައިރުއްސުރެ އެޑްވަޑު ބުނާ ގޮތުގައި، އިސްކޮޅަކީ އޭނާގެ "ބަލިފައެއް" ނޫނެވެ. އެކަން މިއަދު ވަނީ ތެދަކަށް ވެފަ އެވެ. ދުނިޔޭގައި ހުރި އެންމެ ކުރު ފިރިހެނާގެ ގޮތުގައި އެޑްވަޑްގެ ނަން ވަނީ ގީނިއަސް ބުކް ވޯލްޑް ރިކޯޑްސްގައި މިއަދު ފަވާލެވިފަ އެވެ.
ޕާޓް ޓައިމް ޑާންސަރެއްގެ ގޮތުގައި މަސައްކަތް ކުރާ އެޑްވަޑަށް މި ލަގަބު ރަސްމީކޮށް ދީފައި ވަނީ އާދީއްތަ ދުވަހެވެ. އެންމެ 27 އިންޗީގެ އެޑްވަޑަށް މި ލަގަބު ލިބުނީ، "އެންމެ ކުރު މީހާގެ ތަހުތުގައި" 2008 އިން ފެށިގެން ރަސްކަން ކުރަމުން އައި ޗައިނާގެ ހީ ޕިންގްޕިންގް، 21 އަހަރު، ހާޓް އަޓޭކެއް ޖެހި މިދިޔަ މާޗް މަހު މަރުވުމާ ގުޅިގެންނެވެ. އޭނާގެ އިސްކޮޅަކީ 29 އިންޗި އެވެ.
ޗައިނާގެ ފަގީރު އަވަށަކަށް އުފަން ޕިންގް ޕިންގް އަށް ލިބުނު އެންމެ ކުރު މީހާގެ ލަގަބާ އެކު އޭނާ ވަނީ ބައިނަލް އަގްވާމީ މަޝްހޫރު ކަމާއި މުއްސަނދިކަން ހޯދުމަށް ފޫގަޅައި ތައްޔާރުވެގެންނެވެ. ޝަކީރާގެ ލަވަތަކަށް ލޯބިކުރާ، އަދި ރިކީ މާޓިން އަކީ ސްޓައިލް އައިކަން އެއްގެ ގޮތުގައި ގަބޫލުކުރާ އެޑްވަޑް ދެކޭ ގޮތުގައި، އެ ލަގަބަކީ އޭނާއަށް "ހޮލީވުޑަށް ދިއުމަށް ލިބުނު ފްރީ ޓިކެޓް" އެވެ. އެހެންކަމުން، މިހާރު ވެސް އޭނާ ވަނީ ފޮށިތަންމަތި ތައްޔާރުކުރަން ފަށައިފަ އެވެ. އޭނާ އެންމެ ފުރަތަމަ ބޭނުން ވަނީ އާޖެންޓީނާ އަދި ނިއު ޔޯކް އަށް ދާށެވެ.
ނަމަވެސް، މަންމަގެ އިނގިލިކުރީގައި ހިފައިންގެން މިހާރު ވެސް ތަންތަނަށް ގޮސް އުޅޭ 10 ކިލޯގެ އެޑްވަޑަށް މިކަން ހާސިލު ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދެ އެވެ. އެއީ މި ލަގަބު އޭނާ އަށް ހިފަހައްޓާލެވެން އޮތީ ވަރަށް ވެސް ކުރު މުއްދަތެއް ވަންދެން ކަމަށް ވާތީ އެވެ.
ދުނިޔޭގެ އެންމެ ކުރު ޓީނޭޖަރގެ ވޯލްޑް ރިކޯޑް ހިފަހައްޓާލައިގެން ހުރި ނޭޕާލުގައި އުޅޭ 17 އަހަރުގެ ޚާގެންދަރު ތާޕާގެ އިސްކޮޅަކީ 26 އިންޗި އެވެ. ނަމަވެސް، އަންނަ އޮކްޓޯބަރު މަހު އޭނާ އަށް 18 އަހަރު ފުރުމުން، ދުނިޔޭގެ އެންމެ ކުރު ފިރިހެނާގެ ލަގަބަށް އޭނާ ވާދަކުރާނެކަން މިހާރު ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެހެންކަމުން، އެޑްވަޑަށް ވުރެ އެއް އިންޗި ކުރު އިސްކޮޅެއް މިހާރު ވެސް ހުންނަ ތާޕާ، އެޑްވަޑްގެ "ހޮލީވުޑްގެ ފްރީ ޓިކެޓް" ޖަހައިގަތުމަށް މާ ގިނަ ދުވަސްތަކެއް ނެތެވެ.