25 Sep 2012, 18:19
ސައިކަލެއްގައި ދިޔަ މީހަކު ކޮންޓެއިނާ އުފުލާ ވެހިކަލްގެ ދަށުވެ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
މަންޒަރު ދުށް މީހަކު ބުނީ ސްޓެލްކޯ ކުރިމަތީން އަމީނީމަގުގައި ހިނގި އެކްސިޑެންޓްގައި ޒުވާނެއްގެ ކަނާތުފައި ކޮންޓެއިނާގެ ދަށުވެ، އެނބުރިފައިވާ ކަމަށެވެ. އަދި އޭނާ ލައިގެން އޮތް ޖީންސް ފަޅައިގެން ގޮސް ކަނާތު އަތްވެސް އޮތީ އެނބުރިފައި ކަމަށް އެމީހާ ބުންޏެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގީ ކޮންޓެއިނާ އުފުލާ ވެހިކަލްގެ ކުރިއަށް ސައިކަލު އަރަން އުޅެނިކޮށް ކަމަށެވެ. ނަމަވެސް އަނިޔާވި ޒުވާނާގެ އަތާއި ފައި މަށައިގެން ދިއުން ފިޔަވައި އިތުރު އަނިޔާއެއް ވެފައިނުވާ ކަމަށެވެ.
ނަމަވެސް ސަންގެ ނޫސްވެރިން އެ ސަރަހައްދަށް ދިޔައިރު އެކްސިޑެންޓްވި ޒުވާނާ އުފުލާލައިގެން ވޭނަކަށް އަރުވައިގެން ގެންދިޔަ މަންޒަރު ފެނުނެވެ. އޭރު އޭނައަކަށް ނުހިނގެ އެވެ.
އެ އެކްސިޑެންޓް ހިނގީ ސައިކަލުގައި އިންމީހާގެ ގަމީސް ކޮންޓެއިނާ އުފުލާ ވެހިކަލުގައި އެޅިގެން ކަމަށް އެ ސަރަހައްދުގައި ތިބި މީހުން ބުނެ އެވެ.