ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ މައްޗަށާއި ސިޓީ ކައުންސިލް މެންބަރުންގެ މައްޗަށާއި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އެކި މައްސަލަތަކުގައި ދައުވާ ކުރުމުން ބައިނަލް އަގުވާމީ ދުނިޔެ އިން ދެކޭނީ އެއީ ސިޔާސީ ގޮތުން ކުރާ ދައުވާތަކެއް ގޮތުގައި ކަމަށާއި އެ ދައުވާތައް ކުރެވިދާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.


އެމްޑީޕީގެ އެންމެ އިސްލީޑަރު މުހައްމަދު ނަޝީދު އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރު މާލެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ މައްޗަށް ވެސް އަދި އެހެން ސިޔާސީ ބޭފުޅުންގެ މައްޗަށް ވެސް ދައުވާ ކުރެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ނުދެކެން އަދި އަޅުގަނޑުގެ މައްޗަކަށް ވެސް ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މައްޗަކަށް ވެސް އަދި ސިޓީ ކައުންސިލަރުންނާއި އެހެން ބޭފުޅުންގެ މައްޗަކަށް ވެސް އެ ދައުވާތަކެއް ކުރެވި އެކަން ކަން ކުރެވި އެކަންތައްތައް ކުރިއަށް ގެންދެވިދާނެ ކަމަކަށް. ބައިނަލްއަގުވާމީ ދުނިޔެ ދެކޭނީ އެއީ ސިޔާސީ ގޮތުން ކުރެވޭ ދައުވާތަކެއް ކަމަކަށް. އެނޫން ގޮތަކަށް ދެކެން ހަމަ ދަތިވާނެ،" ނަޝީދު ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ މަނިކުފާނާއި އެ ޕާޓީގެ އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާ ކުރުމަށް ސަރުކާރުން ވެސް މަސައްކަތް ކުރާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

"ވަރަށް ގިނަ މީހުނަށް ދައުވާ ކުރާނެ ކަމަށް އެބަ ބައެއް ބޭފުޅުން އެބަ ވިދާޅުވޭ. އަޅުގަނޑު ނުދެކެން ހަގީގަތުގައި އެކަން ސަރުކާރުން ކުރެއްވަން އުޅުއްވަނީ ކަމަކަށް. ބޭނުންފުޅުވެ ވަޑައިގަންނަ ވަނީ އެބޭފުޅުނަށް ތާއީދުކުރައްވާ ބޭފުޅުންކޮޅެއް އެދިވަޑައިގަންނަވާ ވާހަކަފުޅެއް ދައްކަވައި ދައްކަވާ ތިބުން،" ނަޝީދު ވިދާޅުވި އެވެ.

އަލްގައިދާ އިން ރާއްޖެ އަށް ހަމަލާއެއް ދީފާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކުގެ ސަބަބުން ރާއްޖެގޭގެ އިގްތިސާދަށް ނޭދެވޭ އަސަރެއް ކޮށްފާނެތޯ ސަން އިން ދެންނެވުމުން ނަޝީދު ވިދާޅުވީ އެއީ ރާއްޖޭގެ ހަގީގަތް ކަމަށާއި ދެން އޮތީ އެކަމުން ސަލާމަތްވާން މަސައްކަތް ކުރުން ކަމަށެވެ.

"މި ސަރުކާރަށް ވެސް ރަނގަޅަށް އޮޅުން ފިލާނެ ރަނގަޅަށް ކަންތައްތައް ހުރި ގޮތް. މީގެ ކުރިން ވެސް މައުމޫނަށް ވެސް އެނގިވަޑައިގަންނަވާނެ ކަންތައް ވަމުން އައިގޮތް. މިހާރު އަދި ސާފްވާނެ ކަންއޮތް ގޮތް. އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެން މި މައްސަލައަކީ އަޅުގަނޑުމެނަށް ދިމާވެފައިވާ މައްސަލައެއް ކަމަށް ދެނެ ގަނެ އެ މައްސަލައަށް ހައްލު ގެނައުމަށް މަސައްތް ކުރުމަކީ ކޮންމެހެން ބޭނުން ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން އެއާޕޯޓު އަތުލާކަށް މި ސަރުކާރަކުން ނޫޅޭ ކަމަށާއި ރާއްޖެ އަށް ފައިދާ ހުރި ގޮތަކީ ގިނަ އިންވެސްޓަރުން ރާއްޖެ އަންނާނެ ގޮތް ހޯދުން ކަމަށް ވެސް މިއަދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ވިލިއަމް ހޭގްއާ ބައްދަލު ކުރައްވައިފަ އެވެ.