29 Jul 2026, 08:54

އަންނަ މަހު ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތް ބޮލީވުޑްގެ ފިލްމު "ބަޓްވާރާ 1947"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ފިލްމު "ބަޓްވާރާ 1947"ގެ ޓްރެއިލާ އިއްޔެ އާއްމުކުރިއިރު މިއީ މި އަހަރު ސިނަމާތަކަށް ގެންނާނެ އެންމެ އުއްމީދީ ފިލްމުތަކުގެތެރޭ ހިމެނޭ ފިލްމެކެވެ.
އާމިރު ޚާން ޕްރޮޑިއުސްކޮށް، ރާޖްކުމާރު ސަންތޯޝީ ލިޔެ، ޑައިރެކްޓްކޮށްފައިވާ "ބަޓްވާރާ 1947"ގައި ކިޔައި ދޭނީ އިންޑިއާ ބައިބައިވެ ޕާކިސްތާން އުފެދިގެން ދިޔަ ދުވަސްވަރުގެ ހިތްދަތި ހާދިސާތަކެކެވެ.
ފިލްމުގެ ޓްރެއިލާގެ މަންޒަރުތަކުން ސަނީ ފެންނަނީ ހިންދޫ ދީނަށް ނިސްބަތްވާ މުސްކުޅި އަންހެނަކު ހިމާޔަތްކުރުމަށް ޕާކިސްތާނަށް ނިސްބަތްވާ ބޮޑު ގަބީލާއަކާ ހަނގުރާމަކުރާ މަންޒަރެވެ. ފިލްމުގައި ސަނީ އަދި ބަތަލާ ޕްރިތީ ވެސް ދައްކުވައިދެނީ އިސްލާމުންގެ ގޮތުގައެވެ.

ފިލްމު "ބަޓްވާރާ 1947"ގެ ޓްރެއިލާގެ މަންޒަރެއްގައި ސަނީ ޑިއޯލް އަދި ބަތަލާ ޝަބާނާ އާޒްމީ--ފޮޓޯ/ބޮލީވުޑްހަންގާމާ
ދެ ޤައުމު ބައިބައިވި ތާރީޚީ ދުވަސްވަރުގެ އަސަރުގަދަ ގިނަ ވާހަކަތަކެއް ފިލްމުން ބެލުންތެރިންނަށް ފެންނާނެކަން ޓްރެއިލާއިން ސާބިތުކޮށްދީފި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
މި ފިލްމުގެ މައިގަނޑު ކާސްޓުންގެތެރޭ ސަނީ ޑިއޯލް، ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑިއޯލް، ޕްރިތީ ޒިންތާ، ޝަބާނާ އަޒްމީ، އަލީ ފަޒަލްގެ އިތުރުން އަބިމަންޔޫ ސިންގް ހިމެނެއެވެ.
އޭއާރު ރަހުމާން މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ފިލްމަކީ ގާތްގަނޑަކަށް 30ހަކަށް އަހަރުފަހުން ރާޖްކުމާރު ސަންތޯޝީއާ އެކު ސަނީ މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. ފިލްމު "ބަޓްވާރާ 1947" ސިނަމާތަކަށް ގެންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހުއެވެ.