އިންޑިއާގެ ޖީއެމްއާރު ކުންފުނީގެ އަތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަތުލުމަށް އިއްތިހާދުގެ ހަތް ޕާޓީން ހިންގާ ގައުމީ ހަރަކާތް، "ދިވެހިންގެ އެއާޕޯޓް އަބުރާ ދިވެހިންނަށް" ހަރަކާތުގެ ތެރެއިން އެކަމާ ދެކޮޅުހެދުމަށް އަންނަ ބުރާސްފަތި ދުވަހުގެ ރޭ އާޓްފިޝަލް ބީޗަށް އެއްވުމެއް ބާއްްވާނެކަން ޕާޓީތަކުން މިއަދު އިއުލާންކޮށްފި އެވެ.

މިއަދު ހަވީރު ސެޓެލްކޯގެ އެޑިޓޯރިއަމްގައި އިއްތިހާދުގެ ހަތް ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ބާއްވާ އެއްވުމަކީ ޖީއެމްއާރު އަތުން އެއާޕޯޓް ހޯދުމަށް ހިންގާ އަމަލީ ހަރަކާތުގެ ފެށުން ކަމަށެވެ. އެ ހަރާކާތަކީ އެއާޕޯޓްގެ މައްސަލައިގައި ދިވެހިންގެ ހިޔާލު ފާޅުވެގެންދާނެ އެއްވުމެއް ކަމަށާއި އެ އެއްވުމުގައި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ ފަރާތުން ތަމްސީލު ކުރައްވާނެ ބޭފުޅުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށް ފަށާ ހަރަކާތް ސިލްސިލާކޮށް ކުރިއަށްދާނެ ކަމަށާއި އެގޮތުން އެކި ފޯރަމްތަކުގައި ޖީއެމްއާރާ ދެކޮޅަށް އަޑު އުފުލައި، ރައްޔިތުންނަށް މައުލޫމާތު ހިއްސާ ކުރަމުންދާނެ ކަމަށެވެ.

މަދަނީ ޖަމިއްޔާތަކުގެ މައްޗަށް އެކުލެވޭ މަދަނީ އިއްތިހާދުގެ ރައީސް ޝެއިހް މުހައްމަދު ދީދީ ވިދާޅުވީ އެއާޕޯޓް ދިވެހިންނަށް ހޯދުމަށް ކުރާ މަސައްކަތް ކާމިޔާބު ވުމާ ހަމަޔަށް މަދަނީ އިއްތިހާދު އެ ހަރާތުގައި ދެމިހުންނާނެ ކަމަށެވެ. އަދި އެ މަސައްކަތުގައި މަދަނީ އިއްތިހާދުގެ ހުރިހާ ޖަމިއްޔާތަކުން ބައިވެރިވެ ވަޑައިގަތުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ލިބޭނެ. އެކަމަށް މާ ގިނަ ދުވަސްތަކެއް ނުނަގާނެ. އެއަށްވުރެ މާ ބޮޑެތި ކަންތައްތަކެއް މިރާއްޖޭގައި ހިނގާފައި އެބަހުރި. ޖީއެމްއާރަށް ވެސް ބުނެލަން އޮތީ އަވަހަށް ދާށޭ، މިތަނުން، އަވަހަށް ދާށޭ މިތަނުން،" މަދަނީ އިއްތިހާދުގެ ރައީސް ވިދާޅުވި އެވެ.

ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި އަމަލީގޮތުން ހުރިހާ ދިވެހިން ބައިވެރިވެވަޑައިގަތުމަށް ގޮވާލާ ކަމަށެވެ. އަދި އެހަރަކާތަކީ ވަކި ސިޔާސީ ޕާޓީއެއްގެ ހަރަކާތެއްގެ ގޮތުގައި ނުދެކި ގައުމަށްޓަކައި ނުކުތުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ޖީއެމްއާރު މައްސަލާގައި އަންނަ ބުރާސްފަތި ދުވަހު އެއްވުމަށް އިއުލާން ކުރުމަށް މިއަދު ބޭއްވި ޕްރެންސްކޮނަފަރެންސްގައިވެސް ޑީއާރްޕީން ބައިވެރިވެވަފައެއް ނުވެ އެވެ. ޑިއާރްޕީ ބައިވެރިނުވި މައްސަލައިގައި އެމްއާރުއެމްގެ ފަރާތުން ވާހަކަފުޅު ދެއްކެވި އަހުމަދު ޝަމީމް ވިދާޅުވީ އެ ޕްރެސްކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޑީއާރްޕީއަށް ވެސް ދައުވަތު ދެއްވާފައިވާ ކަމަށެވެ.

އެ މައްސަލާގައި ޑީއާރްޕީގެ މީޑިއާ ކޯޑިނޭޓަރު އަލީ ސޯލިހު ވިދާޅުވީ އެ ޕްރެސް ކޮންފަރެންސްގައި ބައިވެރިވުމަށް އެދި ޑީއާރްޕީއަށް އެންގީ ޕްރެސްކޮންފަރެންސް ފެށެން ފަސް މިނިޓަށް ވެފައިވަނިކޮށް ކަމަށެވެ.

"ދިވެހިންގެ އެއާޕޯޓް އަބުރާ ދިވެހިންނަށް" ހަރަކާތްފެށުމަށް މިދިޔަ ހަފްތާ ތެރޭ ޕާޓީތަކުން ނަސަންދުރާގައި ބޭއްވި ޕްރެސްކޮންފަރެންސަށް ޑީއާރުޕީއަށް ދައިވަތުދިން ނަމަވެސް އެ ޕާޓީ ބައިވެރިއެއްނުވެ އެވެ.

އެއާޕޯޓް މައްސަލާގައި އަންނަ ބުރާސްފަތި ދުވަހު ބާއްވާ އެއްވުމުގައި ޑީއާރްޕީ ބައިވެރިވާނެތޯ ސުވާލު ކުރުމުން އަލީ ސޯލިހު ވިދާޅުވީ އެކަން ނިންމާނީ ޑީއާރްޕީގެ ލީޑާޝިޕުން ކަމަށެވެ.

ޖީއެމްއާރް މައްސަލާގައި ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ހޯދުމަށް މަސައްކަތް ފަށާފައިވާ ހަތް ޕާޓީއަކީ ޕީޕީއެމްއާއި ގައުމީ ޕާޓީއާއި އަދާލަތު ޕާޓީއާއި ޕީއޭއާއި ޖުމްހޫރީ ޕާޓީގެ އިތުރުން ރައީސް ވަހީދު ނިސްބަތްވެވަޑައިގަންނަވާ ގައުމީ އިއްތިހާދެވެ.