ކަންނާޑާ އެކްޓަރު ރިޝަބްގެ އާ ފިލްމުގެ ބަތަލާއަކަށް ބޫމީ
ކަންނާޑާ އެކްޓަރު ރިޝަބްގެ އާ ފިލްމުގެ ބަތަލާއަކަށް ބޫމީ

ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ކަންނާޑާ ފިލްމު "ކަންތާރާ"ގެ ލީޑް އެކްޓަރު ރިޝަބް ޝެޓީގެ ކުރިއަށް އޮތް "ދަ ޕްރައިޑް އޮފް ބާރަތު: ޗަތަރުޕަތީ ޝިވާޖީ މަހާރާޖް"ގެ ބަތަލާގެ ރޯލަށް ބޫމީ ޕެޑްނެކާރު ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި ފިލްމަކީ، އިންޑިއާގެ ކުރީގެ މަރާޓީ ރަސްކަލެއް ކަމަށްވާ އަދި ވަރުގަދަ ހަނގުރާމަވެރިޔާ ޗަތަރުޕަތީ ޝިވާޖީ މަހާރާޖްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.

ސަންދީޕް ސިންގް ޕްރޮޑިއުސްކޮށް، ރިޝީ ވިރްމާނީ ލިޔެ، ޑައިރެކްޓްކުރާ މި ފިލްމު ގެނެސްދޭނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

"ދަ ޕްރައިޑް އޮފް ބާރަތު: ޗަތަރުޕަތީ ޝިވާޖީ މަހާރާޖް"ގެ ޕޯސްޓަރު އަދި ބަތަލާ ބޫމީ ޕެޑްނޭކަރު -- ފޮޓޯ/ އިންޑިއާޓުޑޭ

ޓްރިލޮޖީއެއް ކަމަށްވާ ފިލްމު "ކަންތާރާ"ގެ ދެ ބައިން ބޮޑު މަގުބޫލުކަމެއް ހޯދި ރިޝަބް "ދަ ޕްރައިޑް އޮފް ބާރަތު: ޗަތަރުޕަތީ ޝިވާޖީ މަހާރާޖް" ފިލްމުގައި ކުޅޭނީ ޗަތަރުޕަތީ ޝިވާޖީ މަހާރާޖްގެ ކެރެކްޓާއެވެ. ރިޝަބް އާއި ބޫމީގެ އިތުރުން ކުޅަދާނަ އެކްޓަރު ވިވެކް އޮބްރޯއި ވެސް ފިލްމުގެ މުހިއްމު ރޯލަކުން ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މި ތާރީޚީ ފިލްމަކީ މީގެ ދެ އަހަރު ކުރިން އިއުލާނުކުރި ފިލްމަކަށްވީ ނަމަވެސް ފިލްމުގެ ފުރަތަމަ ބައި ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.

ބޮލީވުޑްގެ އެންމެ މަގުބޫލު ބަތަލާއިންގެ ތެރޭ ހިމެނޭ ބޫމީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ އެމެޒޯން ޕްރައިމްއިން ގެނެސްދިން ވެބް ސީރީސް "ދަލްދަލް"އިންނެވެ. މި ވެބް ސީރީސްގެ ދެވަނަ ބަޔަކަށް ބަތަލާ ތައްޔާރުވަމުން އަންނައިރު ދެ ވަނަ ބައި ޕްރީމިއާކުރާނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.