25 Sep 2012, 16:41
ހަތް ބުރީގެ އިމާރާތެއް ކުރުމަށް މިދިޔަ މަހުގެ ތެރޭގައި ގ. އޮޅުފުށިގެ ކޮންނަމުން ދަނިކޮށް ޖެހިގެން ހުރި ގ. ސަލާމަތުގެ އަރިއަޅާލުމާ ގުޅިގެން، ކޮނުމުގެ މަސައްކަތް ހުއްޓާލައިފައިވާ އޮޅުފުށިގޭގެ ފައުންޑޭޝަންގެ ކުރެހުމަށް ބޮޑު ބަދަލެއް ގެނެސް އަލުން އެ މަސައްކަތް ފަށައިފި އެވެ. ހައުސިން މިނިސްޓްރީން ހުއްދަ ލިބިގެން އެގޭގެ މަސައްކަތް ފެށި ނަމަވެސް އަރިއަޅާލިގޭ މީހުން އަދިވެސް ތިބީ ބިރުވެރި ކަމެއްގެ ތެރޭގަ އެވެ.
އޮޅުފުށިގޭގެ ފައުންޑޭޝަން އެޅުމަށް އެގެ ކޮނުމުގެ ކުރިން، އަރިއަޅާލައިފައިވާ ގޭގައި، ރެނދުއަޅައިފައިވާ ބައެއް ތަންތަނުގައި ވަނީ ސިމެންތި ޖަހައިފަ އެވެ. އެކަމުގެ ބޭނުމެއް ކަމަށް އެގޭ މީހުން ބުނީ ކޮނުމުގެ މަސައްކަތް ކުރަން ފެށުމުން އިތުރަށް އެ ގެ އަށް އެއްވެސް ކަހަލަ ގެއްލުމެއް ވޭތޯ ބެލުން ކަމަށް އެ މަސައްކަތުގައި އުޅުނު މީހުން ބުނެފައިވާ ކަމަށެވެ.
ސަލާމަތުގެ އަކީ އޮޅުފުށީގެ ބެހުމަށް ފަހު ބައިތަކަށް ބަހާލައިފައިވާ ގެތަކަށް ދީފައިވާ ނަމެކެވެ. އަދި އަރިއަޅާލާފައި ވަނީ އޭގެ ތެރެއިން އެއް ގެ އެވެ. އޮޅުފުށީގެ ބަހާފައި ވަނީ އެއްބަނޑުއެއްބަފާ ހަތް ކުދިންގެ މައްޗަށެވެ. އަދި މިހާރު ކޮނުމުގެ މަސައްކަތް ކުރަމުން ދަނީ އެގޭގެ އަސްލު ވެރިފަރާތުގެ ބަ އެވެ. އެއީ ކުރީގެ މައްސޫރު "ސީޔޫ ފިހާރަ" ހުރި ތަނެވެ.
އޮޅުފުށިގޭގެ ވެރިފަރާތް އަތުން އެގެ 25 އަހަރަށް ކުއްޔަށް ހިފައިން ހަދަމުން އަންނަ ފަރާތުން ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ބުނި ގޮތުގައި އޭނާ އެގޭގެ މަސައްކަތް ފެށިފަހުން ޖެހިގެން ހުރި ގެ އަރިއަޅާލުމާ އެކު، އެ މަސައްކަތް ހުއްޓާލުމަށް ފަހު ކޮނުނު ތަނަށް ފަސް އެޅުމުން، އަލުން އިންޖީނިއަރެއްގެ އިރުޝާދާ އެކު މަސައްކަތް ފެށީ ހައުސިން މިނިސްޓްރީގެ ހުއްދަ ވެސް ހޯދައިގެންނެވެ. އަދި އެ މަސައްކަތް ދެން ސިޓީ ކައުންސިލުން ނުވަތަ ސަރުކާރުގެ ކަމާ ބެހޭ ފަރާތުން ހުއްޓުވާ ނަމަ އެކަން އެކުރެވެނީ އިންސާފުން ނޫން ކަމަށް ދެކޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން މިމަސައްކަތް ފެށީ ފައުންޑޭޝަންގެ ކުރެހުމަށް ބަދަލުތަކެއް ގެނެސްފައި. މިހާރު ފައުންޑޭޝަން މިއަޅަނީ ތިން ބުޑު ހިމެނޭ ގޮތަށް ކޮންމެ ބައެއް ވެސް ވަކިން. މިހާރު މިއަޅަނީ ފުރަތަމަ ބުޑު. މިހާރު މި މަސައްކަތް ކުރާ ގޮތުން ޖެހިގެން ހުރި އިމާރާތަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް އިންޖީނިއަރުން ވަނީ ބުނެފައި.،" އެގޭ ވެރިފަރާތުން ބުންޏެވެ.
އޮޅުފުށިގޭ މަސައްކަތް އަލުން ފަށާއިފައި ވަނީ ޖެހިގެން ހުރި ގެއާ ހަތަރު ފޫޓު ދުރުގައި ކަންވާރެއް ދެމުމަށް ފަހު، ހަތަރު ފޫޓު ދުރުން ކޮނެ އެތަނުގައި ބިމުގެ އަޑިއަށް ހަ ފޫޓަށް ފްލައިވުޑް ފިލައިން ޝީޓްޕައިލް ޖެހުމަށް ފަހު އެވެ. އަރިއަޅާލި ގެއާ ހަތަރު ފޫޓް ދުރުން އޮޅުވެލިފުށިގޭގެ ފައުންޑޭޝަން އެޅި ނަމަވެސް އެގޭގެ ޝީޓްތައް ހުންނާނީ ކުރިން ވެސް ކުރެހުމުގައި ހުރި ގޮތަށް ސަލާމަތީގޭގެ ފާރުގައި ޖެހިފަ އެވެ. މާދަމާ އެއް ބުޑުގެ ފައުންޑޭޝަން އެޅުމަށް ހަމަޖެހިފައިވާ އިރު މިއަދު އެތަނުގައި ޝީޓްޕައިލް ޖަހައި ކޮނުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
އެ ގޭގައި ދިރިއުޅެމުން އަންނަ އަންހެނަކު ބުނީ އެ ހާދިސާއަށް ފަހު އެމީހުން ބަދަލުވުމަށް ހުޅުމާލެއިން ގެއެއް ކުއްޔަށް ހިފައިފައިވާ ކަމަށާއި އޮޅުފުށީގޭގެ ޝީޓްޕައިލް ޖެހުމުގެ މަސައްކަތް މިއަދު ފެށީއްސުރެ އެގޭ މީހުން ތިބީ ވަރަށް ބިރުން ކަމަށެވެ. އެގޮތުން އެގޭ އެއްބައިގައި ދިރިއުޅޭ މީހުން މިއަދު ހުޅުމާލެ އަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. ނަމަވެސް އެގޭ މީހުން އަދި ދިރިއުޅެނީ އެގޭގަ އެވެ.
އަރިއަޅާލާފައިވާ އެގޭގައި މިހާރު ދިރިއުޅުމަށް އެއްވެސް ނުރައްކަލެއް ނެތްތޯ ބެލުމަށް ފަހު އިންޖީނިއަރެއްގެ ސޮއިކޮށް ހައުސިން މިނިސްޓްރީ އަށް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އަންގައިފަ އެވެ. ނަމަވެސް ދެ އިންޖީނިއަރަކު އެތަން ބެލުމަށް ފަހު ވެސް އެކަމަށް އެއްބަސް ނުވުމުން އެގޭ މީހުން ވަނީ އެކަން މިނިސްޓްރީ އަށް އަންގައިފަ އެވެ. އެކަން ސިޓީ ކައުންސިލަށް ހުށަހެޅުމަށް މިނިސްޓްރީން އެނގުމުން ސަލާމަތީގޭ ވެރިފަރާތުން ވަނީ އެކަން މިއަދު ސިޓީ ކައުންސިލަށް އަންގައިފަ އެވެ.
ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު މިއަދު ވިދާޅުވީ އޮޅުފުށި ކޮންނަމުން ދަނިކޮށް ޖެހިގެން ހުރި އިމާރާތް އަރިއަޅާލި މައްސަލައިގެ ނާޒުކަން ބޮޑު ކަމުން އެކަންތައް ބެލުން ހައުސިން މިނިސްޓްރީއަށް ދޫކޮށްލައިފައިވާ ކަަމަށެވެ.
"އަޅުގަނޑުމެން އެދުނީ އެކަން ހައުސިން މިނިސްޓްރީން ބެލުމަށް ފަހު ހައުސިން މިނިސްޓްރީއަށް ފެނިވަޑައިގެންނަވާ ގޮތަކަށް ކައުންސިލަށް ލާފަ ދެއްވުމަށް. އެނގިފައިވާ ގޮތުގައި އަލުން މަސައްކަތް ފެށުމުގެ ހުއްދަ މިނިސްޓްރީން ދެއްވާފައި ވަނީ މިނިސްޓްރީން ހަދަން ޖެހޭ އެސެސްމެންޓެއް ހެދުމަށް ފަހު،" ސުޖާއު ވިދާޅުވި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އަރިއަޅާފައިވާ ގެ އިމާރާތްކޮށްފައި ވަނީ އިމާރަތްކުރުމުގެ ގަވާއިދާ ހިލާފަށް އިތުރު އެއް ޝީޓް އަޅައިގެންނެވެ.
ސަލާމަތުގެ އަރިއަޅާލުމާ ގުޅިގެން ކެރޭނެއް ބޭނުންކޮށްގެން އެގެ ސީދާ ކުރުމަށް ސިޓީ ކައުންސިލުން ނިންމި ނަމަވެސް އެ މަސައްކަތް އަމަލީ ގޮތުން ފަށައިފައެއް ނުވެ އެވެ.