ކުށެއްގެ ތުހުމަތުކުރެވޭ މީހާ އަށް ގާނޫނު އަސާސީ އިން ލިބިދީފައިވާ "ހަނުހުރުމުގެ ހައްގު" އާ ބެހޭ ބިލެއް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ށ. ގެދަށުން ނަޝީދު ހުށަހެޅުއްވި މިބިލްގެ ބޭނުމަކީ ގާނޫނު އަސާސީ އިން ލިބިދީފައިވާ ހަނުހުރުމުގެ ހައްގުގެ މަޙްފޫމެއް ކަނޑައެޅުމާއި އަދި ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ ށ.ގެ ދަށުން ޝަރީއަތުގައި ތިމާއާ ދެކޮޅަށް ބަޔާނެއް ނުދިނުމުގެ ހައްގަގުގެ މަޙްފޫމެއް ކަނޑައަޅައި ދިނުމާއި ހަނުހުރުމުގެ ދާއިރާގެ ތެރޭގައި ހިމިނޭ ކަންކަން ކަނޑައަޅައި ދިނުމެވެ.

މީގެ އިތުރުން ހަނުހުރުމުގެ ހައްގުގެ ބޭނުން ކުރެވޭނެ އުސޫލާއި ތިމާ އާ ދެކޮޅު ޝަރީއަތެއްގައި ބަޔާނެއް ނުދިނުމުގެ ހައްގަގުގެ ދާއިރާގެ ތެރޭގައި ހިމެނޭ ކަންކަމާއި ނުހިމެނޭ ކަންކަން މި ބިލްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެ ބިލްގައިވެ އެވެ.

މި ބިލްގައިވާ ގޮތުން ތިމާއާ ދެކޮޅަށް ހެކިބަސް ދިނުމަކީ ތިމާ އަމިއްލައަށް ކުރަން ޖެހޭ ކަމެއް ނޫން ކަމާއި ކަނޑައެޅިގެން ޖަވާބުދިނުން ގާނޫނުން ލާޒިމްކުރާ ހާލަތެއްގައި މެނުވީ ތިމާއާ ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމަކީ ލާޒިމް ކަމެއް ނޫނެވެ.
ތަޙްގީގު ހިންގަން ޖެހޭނީ އަދި ދައުވާ އުފުލަން ވާނީ ހެކީގެ މައްޗަށްކަން އިއުތިރާފުން ނޫން ކަމާއި ގާނޫނުގައި ކަނޑައެޅިގެން އެހެން ގޮތަކަށް ބަޔާންކޮށްފައިވާ ހާލަތުގައި މެނުވީ ތިމާގެ މައްޗަށް ކުރެވޭ ޖިނާއީ ކުށުގެ ތުހުމަތުގައި ތިމާ ޖިނާއީ ޒިންމާ އުފުލަން ޖެހޭކަން ސާބިތުކޮށްދިނުމަކީ ތިމާގެ މައްޗަށް އެ ތުހުމަތުކުރާ ފަރާތުގެ ޒިންމާއެއް ކަން އެ ބިލްގައިވެ އެވެ.

"ރާއްޖޭގައި ކަންއޮތީ އެހެންނަމަވެސް، މި ދެ ހައްގަކީ ދުނިޔޭގެ ތަހުޒީބު ގާނޫނީ ނިޒާމުތަކުގައި ގާނޫނުގައި ލިޔެވި ތަފްސީލުކުރެވިގެން ނުވިނަމަވެސް ޒަމާންތަކެއް ވަންދެން ބޭނުންކުރެވެމުން އަންނަ ދިގު ތާރީހަކާއި މުއްސަނދި ގާނޫނީ ފިގުހެއް އޮތް ދެ ހައްގެވެ،" ހަނުހުރުމުގެ ގޮތުން މަޖިލީހަށް ހުށަހެޅި ބިލާއި ބެހޭ ގޮތުން ނަޝީދުގެ ބްލޮގުގައި ވިދާޅުވެފައިވެ އެވެ.